Last Updated: November 23, 09:32
Saturday, November 23, 2024
ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ، ފަރުދީ ޒިންމާއެއް ކަމަށާއި އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފި އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާޢީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުޤުވެރިކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.

"ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ޙަޔާތުގެ ތަރައްޤީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމަޢުގައި އޮންނަންޖެހޭ." ސާޖިދާ ވިދާޅުވި އެވެ.

މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!' ކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިއަހަރުގެ ޝިޢާރުން އިންސާނާގެ ދުޅަހެޔޮކަމާ ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީއާ ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.

އަދި ދާދި ފަހުން، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާޞިލުކުރުމަށް ބާރުއެޅުއްވި އެވެ.