އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް ނުކެނޑި ލިބޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫން ދޭތެރެ ދޭތެރެ އިން ފެނުގެ ހިދުމަތް ކެނޑޭ މައްސަލަ ހައްލު ކުރަން ގެންދިޔަ ޕަމްޕް މިހާރު އިންސްޓޯލްކޮށްފައިވާތީ ދެން މެދުނުކެނޑި ފެން ފޯރުކޮށް ދެވޭނެ ކަމަށެވެ.
މިދިޔަ ރޯދަ މަހުން ފެށިގެން ގުޅިފައިވާ އަވަށްތަކުގެ ސަޕްލައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހިފައިވާތީ އައްޑޫ ސިޓީ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް، ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލުކޮށް ދޭން ސަރުކާރަށާއި ފެނަކަ އަށް ގޮވާލާފައިވެ އެވެ.
ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުރަން ފެނަކަ އިން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދިޔަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އައްޑޫން ފެނުގެ ހިދުމަތް ކެނޑޭތީ މިދިޔަ ހަފުތާގެ ތެރޭގައި ރައްޔިތުންނަށް މަޖިލީހަށް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.
އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން މިދިޔަ އެޕްރީލް މަހުގެ 13 ގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެޕްރީލް 13 ގަ އެވެ. އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއުގެ އަގަކީ 282.6 މިލިއަން ރުފިޔާ އެވެ.