އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ ދެ މިނިސްޓަރަކު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މާދަމާ ރައީސާ އެކީ އިންޑިއާ އަށް ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ޒަމީރު ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ރައީސްގެ މި އިންޑިއާ ދަތުރު ވާނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ. ރައީސް އިންތިހާބުވުމާ ގުޅިގެން މޯދީ މަރުހަބާ ވިދާޅުވި އިރު، މޯދީ އަށް ތިން ވަނަ ދައުރެއް މިދިޔަ ހަފުތާގައި ކަށަވަރުވުމާ ގުޅިގެން މޯދީ އަށް ރައީސް ވެސް މަރުހަބާ ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒުގެ މަރުހަބާގެ އެކްސް ޕޯސްޓާ ގުޅިގެން މޯދީ ވިދާޅުވީ ރާއްޖެ އަކީ އަބަދު ވެސް އިންޑިއާގެ ވަރަށް އަގުހުރި އެކުވެރިއެއް ކަމަށާއި އާ ދައުރުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރުށް ބަދަހިވާނެ ކަމަށެވެ.
ރައީސް އިންޑިއާ އަށް ވަޑައިގަންނަވަން ނިންމެވީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތާ ގުޅިގެންނެވެ.