ދާދި ފަހުން ރާއްޖެ އަށް ވެސް އައު އިންޑިއާގެ މަޝްހޫރު ޑޮލީ ޗައިވާލާ ކަލާސް ޓީވީގެ "ބިގް ބޮސް" ސީޒަން 18 ގައި ވާދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ހޯސްޓްކުރާ ޝޯ އަށް ޗައިވާލާ ގެންނަން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ބައެއް މީޑިއާތަކުން ބުނީ އަސްލު ނަމުން ނަމަ ސުނިލް ޕަޓިލް އަށް ފުރުސަތު ލިބުނީ، އަނިލް ކަޕޫރް ހޯސްޓްކުރާ ގޮތަށް މި މަހުގެ 21 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ބިގް ބޮސް އޯޓީޓީ" ގެ ތިން ވަނަ ސީޒަނުން ކަމަށެވެ.
ނަމަވެސް އެ ޝޯގެ ބަދަލުގައި ކަލާސް ޓީވީން ގެނެސްދޭ ޝޯ އިން ފުރުސަތު ދޭން ޗައިވާލާ އެދިފައިވާތީ މި އަހަރުގެ ފަހުކޮޅު ފަށަން ހަމަޖެހިފައިވާ "ބިގް ބޮސް" ސީޒަން 18 އިން އޭނަ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.
ނާގްޕޫރްގެ މަގުމަތީގައި "ވަރަށް ސްޓައިލިޝްކޮށް" ސައި ވިއްކަން ފެށި ވިޔަފާރިއާ އެކީ އާންމުންގެ ތެރޭގައި މަޝްހޫރުވި ޑޮލީ ޗައިވާލާ އަށް މި ފަހުން މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިއެއްގެ ކައިވެންޏާ ގުޅޭ ހަފުލާއަކަށް އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް ފެބްރުއަރީ މަހު އިންޑިއާ އަށް ކުރި ދަތުރުގެ ތެރޭގައި ޗައިވާލާ އެކީ ނެގި ފޮޓޯއެކީ އޭނަގެ ސައިގެ ތަޖުރިބާގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.
ރާއްޖޭގެ ބަޔަކު ދިން ދައުތަވަކަށް ޗައިވާލާ ރާއްޖެ އައީ މާޗް މަހުގެ ފަހުކޮޅު އެވެ.
ޑޮލީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނަގެ ފެޝަން ސްޓައިލެވެ. ސައިގެ ވިޔަފާރި އޭނަ މަގުމަތީގައި ކުރަނީ ނިކަން ރީއްޗަށް ނަލަ ހެދި، އެހާމެ ސްޓައިލިޝްކޮށެވެ. ޑޮލީ ޗައިވާލާ ބުނާ ގޮތުން އޭނަގެ ފެޝަން އިންސްޕިރޭޝަނަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގައި އެކްޓަރު ޖޯނީ ޑެޕް ކުޅުނު ޖެކް ސްޕެރޯގެ ކެރެކްޓާ އެވެ.