އިިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތް ދައުވަތާ ގުޅިގެން މިއަދު އެ ގައުމުގެ ވެރިރަށް، ނިއު ދިއްލީ އަށް ވަޑައިގެންފި އެވެ.
ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް މަރުޙަބާ ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބްގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
ރައީސްގެ މި ދަތުރަކީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު ތިން ވަނަ ދައުރަކަށް ހޯއްދެވި މޯދީ އާއި އެ ގައުމުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދެވެ. މި ރަސްމިއްޔާތަށް ސާކްގެ ހުރިހާ ގައުމުތަކުގެ އިސްވެރިންނަށް ދައުވަތު ދީފައިވެ އެވެ.