އައްޑޫ ހިތަދޫގައި ހުރި ބާ ކާރުތަކެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ކާރުތަކެއްގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ހެނދުނު 7:30 ހާއިރު އެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ ހެނދުނު 8:00 ހާއިރު އަލިފާން ވަނީ ނިއްވާލައިފަ އެވެ. ނަމަވެސް ކާރުތަކުގައި ރޯވާން ދިމާވި ސަބަބެއް ނޭނގެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އައްޑޫގެ ބައެއް އަވަށްތަކުގެ އެކި ހިސާބުތަކަށް ބައި ވެހިކަލްތައް ޖަމާކޮށްފައި އޮތުމަކީ އާންމު ކަމެކެވެ. އަދި މިގޮތަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނަގަން އެކި ފަހަރު މަތިން ކައުންސިލުން އަންގާފައިވެ އެވެ.