Last Updated: January 16, 01:14
Wednesday, January 15, 2025
ޚަބަރު

މަފާޒް އަލުން ބަންދުކުރަން އެދިއްޖެ

މުހައްމަދު މަފާޒު ހުސައިން ސަލީމް ހައިކޯޓުގެ އަޑުއެހުމުގައި-

2017 ވަނަ އަހަރު ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލާގައި ދައުވާ އުފުލި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް، އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުގައި ދައުލަތުން އެދިއްޖެއެވެ.

ނަދީމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އަނެއް ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

މި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މިއަދު ހައިކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ހައިކޯޓުގެ އަޑުއެހުންތައް ނިމެންދެން މަފާޒު ބަންދު ކޮށްދިނުމަށް އެދިފައެވެ. އެގޮތަށް އެދުނު ސަބަބެއްގެ ގޮތުން ޕީޖީން ކޯޓުގައި ބުނެފައިވަނީ މަފާޒްގެ ފަރާތުން މުޖުތަމައަށް އޭރުއޮތް ނުރައްކާ އަދިވެސް ވުޖޫދުގައި އޮތްކަމަށެވެ. އަދި ނަދީމްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ހުކުމް ކޮށް ދޫކޮށްލިފަހުންވެސް ތޫނުހަތިޔާރު ބޭނުންކޮށް މާރާމާރި ހިންގިކަމުގެ ތުހުމަތުގެ އެކި މައްސަލަތަކުގައި މަފާޒު ބަންދުކޮށްފައި ހުރިކަން ފާހަގަ ކޮށްފައިވެއެވެ.

ހައިކޯޓުގައި ވާހަކަ ދައްކަވަމުން މަފާޒްގެ ވަކީލު ވިދާޅުވީ މާފާޒް ބަންދުން ދޫކޮށްލިތާ މިހާރު 3 މަސް ވެފައިވާ ކަމަށާއި އެ މުއްދަތުގައި އޭނާގެ ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރުވެސް ބަންދުގައި ހުރިކަމަށާއި އެހެންކަމުން އިސްތިއުނާފު މަރުހަލާގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެހެންކަމުން މަފާޒުގެ ވަކީލް އެދިފައިވަނީ ޝަރުތުތަކާ އެކު ނަމަވެސް މަފާޒް ބަންދު ނުކޮށް ބެހެއްޓުމަށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ބުނެފައިވަނީ މަފާޒް ބަންދު ކުރުމާމެދު ފަހުުން ގޮތެއް ނިންމާނެކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަލްއުސްތާޛު ހުސައިން މަޒީދު, އަލްއުސްތާޛު ހުސައިން ޝަހީދު އަދި އަލްއުސްތާޛް މުހައްމަދު ސަލީމްއެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.