Last Updated: January 16, 01:14
Wednesday, January 15, 2025
ޚަބަރު

މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ހިކުމަތްތެރި ނިންމުމެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ ނަރެންދްރަ މޯދީ ކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ހިކުމަތްތެރި ނިންމެވުމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިވަގުތު ހުންނެވީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގައެވެ. މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ.

މިނިސްޓަރު ޝަހީމް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ "ޙިކުމަތްތެރި ހަރުދަނާ" ނިންމެވުމެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ އެކަމުން ރަމްޒުކޮށްދެނީ އިންޑިއާ އަދި ރާއްޖޭގެ ތާރީހީ ގުޅުން ދެމިއޮތުމަށް ދެފަރާތުން ވެސް އެދޭ މިންވަރު ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ ތިންވަނަ ދައުރަކަށް ނަރެންދްރަ މޯދީ އިއްޔެ ކުރެއްވިއިރު، އެގައުމުގެ ރައީސްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޖާފަތުގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެފައެވެ. މިކަން މެދުވެރިވި ސަބަބެއްގެ ގޮތުން ފާހަގަކުރެވެނީ އިންޑިއާ އަދޮ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ބުނެ، ފުރައްސާރަ ކުރުމެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.