ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރުގެ ނަން މަޖިލީހުގެ ތަޅުމުގައި ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުގެ ހުންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަދި މައިނޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ނާޒިލް ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގައި ބުނެފައިވަނީ އެ މަޖިލީހުގައި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރަކު ހުންނަންވާނެ ކަމަށެވެ. މެޖޯރިޓީ ލީޑަރަކީ މަޖިލީހުގައި ހިމެނޭ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރު ކަމަށާއި މައިނޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތައް ފިޔަވައި، ދެން ހުރި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރު ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކޮށްފައިވަނީ 93 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިންތިހާބަށްފަހު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރި ބައެއް ބޭފުޅުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިހާރު މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިބޭނެއެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.