ގައުމީ ޔުނިވަސިޓީން އިއްޔެ ފެށި ޖޮބް ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް އެ ޔުނިވަސިޓީން ބުނެފި އެވެ.
މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ކުރިއަށް ގެންދާ ޖޮބް ފެސްޓިވަލްގައި ވަޒީފާދޭ 75 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެފައިވާ އިރު، ފެސްޓިވަލްގެ ތެރޭގައި 300 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެ އެވެ.
އެމްއެންޔޫ އިން ބުނީ އިއްޔެގެ ދެ ފަންފަޅިއަކަށް ޖޮބް ފެސްޓިވަލް ކުރިއަށް ގެންދިޔަ އިރު، މާލެ އާއި އަތޮޅުތަކުން ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މިއަދަކީ ފެސްޓިވަލް ނިންމައިލާ ދުވަސް ކަމަށްވާތީ އިއްޔެ އަށް ވުރެ ގިނަ މީހުން ފެސްޓިވަލަށް ޒިޔާރަތްކުރާނެކަމުގެ އުންމީދު ބޮޑު ކަމަށް ޔުނިވަސިޓީން ބުންޏެވެ.
ޖޮބް ފެސްޓިިވަލް މިއަދު ވެސް ކުރިއަށްދާނީ އިއްޔެ ކުރިއަށް ދިޔަ ގަޑިތަކުގަ އެވެ. އެއީ ހަވީރު 4:00-6:00 އަދި ރޭގަނޑު 8:00-10:00 އަށެވެ.
އެމްއެންޔޫގެ ހިތަދޫ ކެމްޕަހުގައި ޖޮބް ފެސްޓިވަލް ކުރިއަށްދާ އިރު، ބައިވެރިވެފައިވާ އެގްޒިބިޓަރުންގެ ތެރޭގައި ބީއެމްއެލް، އެމްޓީސީސީ، މިފްކޯ، އައްޑޫ ހޮސްޕިޓަލް، ގަން އެއާޕޯޓް، އެމްއެންޑީއެފް، ޕޮލިސް، ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގެ އިތުރުން އަމިއްލަ ބައެއް ފަރާތްތައް ހިމެނެ އެވެ.
އައްޑޫގައި އިއްޔެ ހަވީރު ޖޮބް ފެސްޓިވަލް ފައްޓަވައި ދެއްވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އިބްރާހީމް ޔާސީރެވެ.
ގައުމީ ޔުނިވަސިޓީން ބާއްވާ ޖޮބް ފެސްޓިވަލްގެ ބޭނުމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ލިބެން ހުރު ފުރުސަތުތަކާ ބެހޭ މައުލޫމާތު އެއްތާކުން ފޯރުކޮށްދީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމެވެ.