ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް މި މަހު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކައިވެނި ހަފުލާ އޮންނާނެ ކަމަށް މިހާރު ބެލެވެނީ މި މަހުގެ 23 ގައި މުމްބާއީގައި ކަމަށެވެ. އެހެންވެ ދެ ފަރާތުގެ އާއިލާ އިން ހަފުލާ އަށް މިހާރު ވެސް ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ސޮނާކްޝީ، 37، އާއި ޒަހީރު، 33، ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ 2018 އިން ފެށިގެންނެވެ. އަދި އެ މީހުން އެކަން ޔަގީންކޮށް ދީފައި ވަނީ 2022 ގަ އެވެ. ސޮނާކްޝީ އާއި ޒަހީރު އެކީގައި "ޑަބަލް އެކްސްއެލް" ކިޔާ ފިލްމެއްގެ އިތުރުން ވީޑިއޯ ލަވައެއް ވެސް ކުޅެފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ދެ މީހުން ވެސް ބޮލީވުޑަށް ނެރުނީ ސަލްމާން ޚާންކަމެވެ. ސޮނާކްޝީގެ ފުރަތަމަ ފިލްމަކީ ސަލްމާނާ އެކީ ކުޅުނު 2010 ގެ "ދަބަންގް" އެވެ. އަދި ޒަހީރު ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރި 2019 ގެ "ނޯޓްބުކް" އިންނެވެ.
ސޮނާކްޝީ އާއި ޒަހީރުގެ އާއިލާ އަކީ ސަލްމާނާ ވަރަށް ގާތް ގުޅުމެއް އޮންނަ އާއިލާތަކެކެވެ. ސޮނާކްޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅެވެ. ޒަހީރަކީ ސަލްމާންގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ ވިޔަފާރިވެރިޔާ އިގްބާލް ރަތުނާސީގެ ދަރިއެކެވެ.
ޒަހީރު ބޮލީވުޑަށް ނުކުތް ނަމަވެސް އޭނަ އަކީ މިހާތަނަށް އައި އިރު، މާ ބޮޑު ކުރިއެރުމެއް ލިބިފައިވާ އެކްޓަރެއް ނޫނެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސޮނާކްޝީގެ އެންމެ ފަހުގެ މަސައްކަތަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން މަގުބޫލު ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އެވެ.