ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުންދޫކުރާ ލޯނަށް އެދި ލިބުނު އެޕްލިކޭޝަންތަކުގެ ނަތީޖާ މާދަމާ އިއުލާނު ކުރާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓް އިއުލާނު ކުރާއިރު، ލޯނަށް އެދި ހުށަހަޅާ 'މައިއެޑިޔު' ޕޯޓަލްއިން އެކަން ދަރިވަރުންނަށް އެންގޭނެ ކަމަށެވެ. ހަމައެއާއެކު އެޕްލިކޭޝަން ސްޓޭޓަސްއަށް އައި ބަދަލު އީމެއިލް މެދުވެރިކޮށްވެސް އެންގޭނެ ކަމަށެވެ.
ސްޓޭޓަސް ބަދަލުވާއިރު ޑިސްކޮލިފައި ވެފައިވާނަމަ ޑިސްކޮލިފައިވި ސަބަބުވެސް އެނގޭނެ ކަމަށާއި، އެ ސަބަބާމެދު އިތުރު ސުވާލެއް އޮވެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މިގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 27 ޖޫން 2024 ގެ ނިޔަލަށް އޮންނާނެ ކަމަށާއި ޝަކުވާ ހުށަހަޅާނެ އީމެއިލް އެޑްރެސް ފަހުން އިއުލާނު ކުރާނެ ކަމަށް ބުނެފައިވެއެވެ.
މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވަން ސަރުކާރުން ނިންމާފައިވާތީ، ލޯނު ލިބޭ ދަރިވަރުންގެ އަދަދު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލިއިރު މިނިސްޓްރީއިން އިއުލާނުކުރި 500 ފުރުސަތަށްވުރެ ގިނަވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.