ރައީސް ޑރ. މުހައްމަދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރެއްވުމަކީ އެ މަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން މިއަދު ސާބިތުކޮށް ދިން ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މޯދީ އާއި ރައީސް މިއަދު ބޭއްވި ބައްދަވުމުގެ ފޮޓޯއަކާ އެކީ އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސަށް ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ .މުޙައްމަދު މުޢިއްޒު މިއަދު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން." އަދުރޭ ވިދާޅުވި އެވެ.
ރައީސް އިންޑިއާ އަށް މި ކުރައްވާ ދަތުރަކީ މޯދީ އަށް ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރެއް ކާމިޔާބުކުރެއްވުމާ ގުޅިގެން އިއްޔެ ބޭއްވި މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދެއްވި ދައުވަތަށް ކުރައްވާ ދަތުރުކެވެ. ރައީސް މުއިއްޒުގެ މި ދަތުރަކީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތް ފަހުން އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރު ވެސް މެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު! pic.twitter.com/FWb6Wjs933
— Abdul Raheem Abdulla (@Banafsaa) June 10, 2024
އަދި މި ދަތުރު ކުރެއްވި އިރު، ރައީސް ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބޮޑު ނުތަނަވަސްކަމެއް މި ފަހުން ކުރިމަތިވި އެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ސަރުކާރުން އަނބުރާ ފޮނުވައިލަން ނިންމުމާއި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އާއި އިންޑިއާ އަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލަގައި ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަށް ހީނަރުކަން އަ އެވެ.
ނަމަވެސް މި ފަހުން އިންޑިއާގެ ވެރިންނާ އެކީ ކުރެވުނު ހުރިހާ މަޝްވަރާތަކަކަށް ފަހު ސަރުކާރުން ބުނެފައި ވަނީ ދެ ގައުމުގެ މެދުގައި އުފެދުނު ނުތަނަވަސްކަން މިހާރު ފިލާފައިވާ ކަމަށެވެ. އަދި އިންޑިއާ އަކީ އަބަދު ވެސް އެންމެ ގާތް އަވައްޓެެރިޔާ ޖަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ޚުދު މޯދީ ވެސް ރާއްޖެ ސިފަކުރައްވަނީ އަގުހުރި ގާތް އެކުވެރިއެއްގެ ގޮތުގަ އެވެ، އަދި އަބަދު ވެސް ގާތް ގުޅުމެއް ރާއްޖެއާ އެކީ ބާއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.