މަލާވީގެ ނައިބު ރައީސް ސައުލޯސް ޝިލިމާ ދަތުރުކުރެއްވި މަތިންދާބޯޓް ގެއްލިއްޖެ އެވެ.
އެ ގައުމުގެ ރައީސްގެ އޮފޫހުން ނެރުނު ބަޔާނެއްގައި ބުނީ މަލާވީގެ އަސްކަރިއްޔާގެ އެ މަތިންދާބޯޓް ދަތުރަށް ފެށި ފަހުން ވީނުވީއެއް ނޭނގި، އޭގެ ސިގްނަލް ވެސް ރާޑަރަށް ގެއްލިފައިވާ ކަމަށެވެ. އަދި ބޯޓްގައި ނައިބު ރައީސާ އެކީ އިތުރު ނުވަ މީހަކު ދަތުރުކުރި ކަމަށް ވެސް ބުންޏެ އެވެ.
މިކަމާ ގުޅިގެން މަލާވީގެ ރައީސް ލަޒަރުސް ޗަކްވޭރާ ވަނީ ކަމާބެހޭ އިދާރާތަކަށް ބޯޓް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން އަންގަވައިފަ އެވެ. އަދި އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މީޑިއާތަކުން ބުނީ ބޯޓް ގެއްލުނުކަން އެނގުނީ މަލާވީ ގަޑިން ހެނދުނު 10:00 ގައި އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓް ޖައްސަން އޮތް ނަމަވެސް އޭގެ އެތައް އިރެއް ވީ އިރު ވެސް ޚަބަރެއް ނުވުމުން ކަމަށެވެ.
ނައިބު ރައީސް ދަތުރު ކުރެއްވި ބޯޓް ގެއްލިއިފައި މި ވަނީ ބަހާމާސް އަށް ރައީސް މިއަދު ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އެ ދަތުރު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.