Last Updated: October 18, 09:59
Friday, October 18, 2024
ޚަބަރު

ހިންމަފުށީގައި ފިއުލް ސްޓޭޝަނެއް ހުޅުވައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކ. ހިންމަފުށީގައި ފިއުލް ސްޓޭޝަނެއްގެ ޙިދުމަތް ފަށައިފި އެވެ.

މިއީ އެފްއެސްއެމް އިން ބިގް ފިޝް މޯލްޑިވްސް އާއި އެކު އެފްއެސްއެމްގެ ހިންމަފުށި ކޮމްޕްލެކްސްގެ ތެރޭގައި، ކަނޑު އުޅަދުފަހަރުތަކަށް ޙިދުމަތް ދިނުމުގެ ގޮތުންް ހުޅުވި ސްޓޭޝަނެކެވެ.

މި ސްޓޭޝަން ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް ވިދާޅުވީ މި ތެޔޮ ސްޓޭޝަނަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެ ސަރުކާރުގެ ވައުދުފުޅުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް މާލެއާއި އެއްއަގެއްގައި ތެޔޮ ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ތެރެއިން ކުރެވިގެންދިޔަ މަސައްކަތެއް ކަމަށެވެ. އެ ސްޓޭޝަނުގެ މަސައްްކަތް ފަށައި ގަނެވިގެން ދިއުމުން ހިންމަފުއްޓަށް މަސްކިރަން އަންނަ އޮޑިފަހަރުތަކަށް ފަސޭހައިން ތެޔޮލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އަދި ކައިރި މުސްތަގުބަލެއްގައި ހިންމަފުށީގައި، އެއްގަމު އުޅަނދުފަހަރުތަކަށް ތެލުގެ ހިދުމަތް ދިނުމަށް، އިތުރު ސްޓޭޝަނެއް ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އަދި މިފަދަ ސްޓޭޝަންތަކެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ގާއިމް ކުރުމުގެ މަސައްކަތް ކުރެވިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެފްއެސްއެމް އިން ބުނީ މި ތެޔޮ ސްޓޭޝަނުން މަސްވެރިންނަށް ފަހި ހަކަތަ ޕްރޮގްރާމްގެ ދަށުން ސަބްސިޑައިޒްޑް ރޭޓުގައި ތެޔޮ ލިބިގެންދާނެ ކަމަށެވެ. އަދި މާލޭ އާއި އެއްއަގެއްގައި މަސްވެރިންނަށް ހާއްސަ ރޭޓުގައި ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިނުވާ މަސްވެރިކަމަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުފަހަރުތަކަށް ތެޔޮ ލިބޭނެ ކަމަށް އެފްއެސްއެމް އިން ބުނެ އެވެ.

މީގެ އިތުރުން ޑީސަލް އަޅަން އަންނަ އެހެނިހެން އުޅަނދުފަހަރުތަކަށް ވެސް މިތަނުން މާލެ ޖެޓީގައި ތެޔޮ ވިއްކާ ރޭޓުން ތެޔޮ ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.