ދައުލަތުގެ ބަޖެޓަކުން މީޑިއާތަކަށް މާލީ އެހީ ދިނުމުހައި ގެންގުޅޭނެ އުސޫލުތަކާއި ހަމަތައް ބެލުމަށް މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާފައި ކަމަށެވެ. އެހެންވެ އެކަމަށް ބާރު ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރިން،" އަސްވާޑު ވިދާޅުވި އެވެ. "އެހެން ނަމަވެސް ކުރީ ސަރުކާރުން ބަޖެޓުގައި އެ ފައިސާ ހިމަނައިފައެއް ނުވޭ. އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މަސައްކަތް މި ދަނީ ކުރަމުން."
މީޑިއާތަކަށް ފައިސާ ދިނުމުގައި ގެންގުޅޭނީ ކޮން ހަމަތަކެއްތޯ އާއު ކޮން އުސޫލުތަކެއްތޯ ބެލުމަށްޓަކައި އޮންލައިން އަދި ޕްރިންޓް މީޑިއާ ހިމެނޭގޮތަށް ރާއްޖޭގައި މީޑިއާތަކުގެ އެޑިޓަރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަކަށްވާތީ އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއި އަދި އިންޑަސްޓްރީގެ އިތުރު ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ނޫސްވެރިކަމަކީ އަބުރުވެރި، ސަލާން ޖަހަން ނުޖެހި ކުރާ ނޫސްވެރި ކަމަކަށް ހެދުމާއި ވަކި ބައެއްގެ މުށުތެރޭގައި ނޫސްވެރިކަމުގެ ބާރުތައް އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށް ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ މިއީ ރާއްޖޭގެ ނޫސްވެރިކަން މިނިވަންކަންމަތީ ދެމިއޮތުމަށް ފަށާ މަސައްކަތުގެ ސިލްސިލާ ފެށުމެއް ކަމަށެވެ.