ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީދަތުރުފު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ އާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މޯދީ އެރުވި ދަޢުވަތަކަށެވެ.
މި ދަތުރުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވި އެވެ.
މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވެސް ރައީސްގެ އަރިހަށް ޢިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ.
ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދަތުރަކީ، އެމަނިކުފާނު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައި ގެންނެވުމަށް ފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރު ވެސް މެ އެވެ.