Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ހުއްދަ ނެތި އިންވެސްޓްމެންޓް ވިޔަފާރި ނުކުރަން އެދިއްޖެ

ހުއްދަ ނުނަގައި އިންވެސްޓްމެންޓް ވިޔަފާރި ކުރާތީ ސަމާލުވާން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިލްތިމާކޮށްފި އެވެ.

އެތަނުން މިއަދު ބުނީ އެކި ބާވަތްތަކުގެ ސެކިއުރިޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ވިޔަފާރިކޮށް، އެ ވިޔަފާރިން މާލީ މަންފާއެއް ހޯދައި ދިނުމުގެ ހިދުމަތްތަކެއް ދެމުންދާ ފަކެއް ހަރަކާތްތެރިވަމުން ދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ހިދުމަތް އަދި ފަންޑު މެނޭޖްކޮށްދިނުމުގެ ހިދުމަތް ދިނުމަކީ ސީއެމްޑީ އޭއިން ލައިސަންސް ނަގައިގެން ކުރަން ޖެހޭ ކަމެއްކަން ހަނދާންކޮށް ދީފައިވެ އެވެ.

ސީއެމްޑީން ބުނީ އިންވެސްޓްމަންޓް ފަންޑު ހިންގުމާއި، އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖްކޮށް ދިނުމުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ލައިސަންސް ދޫކުރާ ފަރާތަކީ އެ އޮތޯރިޓީ ކަމަށްވީ ހިނދު، ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށް ވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭ ފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ލައިސަންސް ނުނަގާ ހިދުމަތް ދިނުމަކީ، ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

އެކަމަކު ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި އިންވެސްޓްމަންޓު ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަ އޮތް ފަރާތެއްތޯ އާއި ނުވަތަ އެފަދަ އިންވެސްޓްމަންޓު ފަންޑުތަކަކީ ސީއެމްޑީގައި ރަޖިސްޓަރީކޮށްފައިވާ ފަންޑެއްތޯ ބެލުމަށް ފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓު ނުކުރަން އިލްތިމާސްކޮށްފައިވެ އެވެ.

ސީއެމްޑީގައި ރަޖިސްޓްރީކޮށް ދީފައިވާ ފަންޑުތަކުގެ މައުލޫމާތާއި އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު، އެތަނުގެ ވެބްސައިޓުގައި ލިސްޓުކޮށްފައިވެ އެވެ. އަދި ލައިސަންސް ނުނަގައި އެފަދަ ކަމެއް ހިންގާކަން އެނގޭ ނަމަ ވީހާ ވެސް އަވަހަކަށް އީމެއިލް compliance@cmda.gov.mv މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް އެދިފައިވެ އެވެ.