ބުރުހާނު ރަތަށް އެރުން
ރަށުތެރޭގައި ވަލީ މަހީދުގެ ވީޑިއޯ ދައުރުވުން އިތުރުވީމާ އެންމެ ބޮޑަށް
އަސަރުކޮށް ހިތުގައި ޖެހުނު މީހުންގެ ތެރޭގައި ބުރުހާނު ހިމެނުނެވެ.
މީނާގެ ހިތަށް އެވަރަކުން ބާރުކުޅައީ ވަލީ މަހީދުގެ ލަދު ބާޒާރުގެ ބައެއް
މީނާ ހިއްސާކުރާތީއެއް ނޫނެވެ. ވީޑިއޯއަކީ މީނާގެ ތަދުބީރުން އުފެއްދި
އެއްޗެކެވެ. އެއިން ވިޔަފާރި ކުޅައުމުގެ ހުރިހާ ހައްގެއް އޮތީ މީނާ
އަށެވެ. ކޮޕީ ރައިޓޭ އެކިޔާ ރައިޓުގެ މިލްކުވެރިކަން އޮތީ މީނާއަށެވެ.
އެހެންނޫނަސް ހަތަރު މިލިއަން ދީނާރުގެ އަގަށް ކަލަމިންޖާ ގަޝީދުގެ ލަވަ
ޕާޓީއަށް ބުރުހާނު އޮތީ ވީޑިއޯ ވިއްކައިލައިފަ އެވެ. މިކަން މިމަގުން
ހިގައިފައި އޮތީމާ އެހެންބަޔަކު ވީޑިއޯ ގެންގުޅުމަކީ ވިޔަފާރީގެ އުސޫލުން
ބަލާއިރު ބުރުހާނަށް އެހާފަސޭހައިން ހަޖަމުކުރެވެން އޮތް ކަމެއް ނޫނެވެ.
މީނާގެ ބުއްދިއަށް ފެނުނު ގޮތުން ރަށުތެރޭގައި ދައުރުވާ ވީޑިއޯގެ
އަސްލަކީ ސެލްނެޓު ފަރުހަތު ވަގަށް އުފެއްދި ކޮޕީ އެވެ. އެ ކޮޕީ ފަރުހަތު
ވަނީ ޖާއިޒު މަނިއްޕުޅަށް ވިއްކައިލައިފަ އެވެ. މިހެން ހީކޮށް ފަރުހަތަށް
ގުޅައިގެން އެކިގޮތްގޮތުން ސުވާލުކުރީމާ ވެސް ދެނަހުރިކަމަކަށް ފަރުހަތު
ނުހެދި އެވެ. މިވަރުންވެސް ބުރުހާނުގެ ހިތް ހަމަނުޖެހިގެން
އެއްދުވަހެއްގެ ހަވީރު މަހާސިންތާއެއް ބާއްވައިފި އެވެ. މި
މަހާސިންތާއަށް ދައުވަތު ދިނީ ގޯލްޑަންރޭ ދައީސާއި ފަރުހަތާއި ޖާއިޒު
މަނިއްޕުޅާއި އަޒަބައިޖާނަށެވެ. މި ހަތަރު މީހުންގެ އިތުރަށް ދެން
ބުރުހާނެވެ. ކޮންމެއަކަސް ބުރުހާނު ގުޅީމާ ޖާއިޒު މަނިއްޕުޅު މީނާއާ
ބައްދަލުވާން ކަމަށް މިނިކާރާއްޖޭގެ ހައިވާނު ބަގީޗާއާ ޖެހިގެން އެހުންނަ
ޖީސްޓްރީންގޭ ކިޔުނު ގަހުވަ ޚާނާއަށް ހިގާއްޖެ އެވެ.
މިތަނަށް އަދި ނުވަދެވިގެން އުޅެނިކޮށް ބޭރުން ފަރުހަތާއި ދިމާވެއްޖެ
އެވެ. ފަރުހަތު ބުނެފިޔޭ ބަލަގަ ދެނަހުރިންހޭ ކަލެއަށް އަހުރެން
ވީޑިއޯއެއް ވިއްކައިފި ކަމަށް ބުރުހާނު އެބަހީކުރެތެވެ. އެކަމާ
އެހުންނަނީ ވަރަށްވެސް ރުޅިގަދަވެފަ އެވެ. ތިޔަތާކަށް ވަންނާނެ ކަމެއް
ނެތެވެ. މި ވާހަކައެއްގައި ދެމީހުން ތިއްބާ ގޯލްޑަންރޭ ދައީސަށް ވެސް
މިތަނަށް އާދެވިއްޖެ އެވެ. ދެން މިހިސާބުން ނުވަދެ ފަރު ނުޖެހޭނެކަން
ކަށަވަރުވީމާ ދެމީހުންވެސް ޖީސްޓްރިންގް ގަހުވަ ޚާނާއަށް ވަދެއްޖައޫ
އެވެ. އޭރު ނިކަން ފުފިފައި ބުރުހާނު ހުއްޓެވެ. ހަމަވަނުމާއެކު ތިޔަ އައީ
ދޮގުހަދާނެ ގޮތް ރާވައިގެން ނިކަން ރަގަޅަށް ސައްލާވެސް ކޮށްގެންތާއޭ
ޖާއިޒަށް ތިޔަ ވީޑިއޯ ވިއްކީ ފަރުހަތުކަން މަދެނަހުރީމޭ އޭ ބަލަގަ
ފަރުހަތާއޭ ކަލޭ މަށަށްވެސް ހަރާންކޯރުވީއޭ މިޔަކީ ކަލެއާ ބެހޭ
ވީޑިއޯއެއްވެސް ނޫނޭ އެކަމަކު ދެން ކަލޭވެސް މިއިން ވިޔަފާރިކުރާން
ދިމާކުރުމަކީ ދެން ކިހައި ލަދު ހުތުރުކަމެއް ހޭ ކިޔައިގެން ބޮޑުވެެގެންވާ
ޒުވާބެއް ފަށައިިފި އެވެ. ފަރުހަތު ބުންޏެވެ. އޭ ބުރުހާނުއޭ ލަދުހުތުރު
ކަންތައް ވަކިކުރާން ކަލޭ ދަންނަމުހޭ ތިޔަވާހަކަ ކަލޭގެ ދުލުން ބޭރުވީމާ
އަހުރެން މިހިރީ ލަދުންނެވެ. ތިޔަހެން ގޮވީމާ ގޮވެނީ ގުދޯގުދޯ އެވެ. މި
ޒާތަކުން ޒުވާބު ހޫނުވަމުންގޮސް އެކަކު އަނެކެއްގެ އަމަޔާއި ބަފަޔާވެސް
ބެހުނު ކަމަށް ރިވާވެގެންވެ އެވެ.
ޖާއިޒު މަނިއްޕުޅު ހައްޔަރުވުން
އެކްސްވައިޒެޑު ކުންފުނީގެ ކޮރަޕްޓް ތިން ހިއްސާދާރުންނާއި
ނަޒާހަތްތެރިކަން ގިރައިގެން ބޮއެގެން ހުންނަ ހިއްސާދާރެއްގެ ވާހަކަ
އިސްވެ ހިގާއްޖެ އެވެ. ފަހެ މި ނަޒާހަތްތެރިޔާއަށް އަނެއް ތިން މީހުން
ވިސްނައިދީފައި އޮތީ ވަލީ މަހީދު ބްލެކްމޭލްކުރަން ވެގެން ވީޑިއޯއެއް
ގެންގުޅެނީ ޖާއިޒު މަނިއްޕުޅު ކަމުގަ އެވެ. އެހިސާބުން މީނާ އޮތީ
ތިޔަކަންތައް ހުއްޓުވާނަމޭ ބުނެފަ އެވެ. މީނާ ކުޅަ ތަދުބީރަކީ
މިނިކާރާއްޖޭގެ ފާރަވެރިންގެ ތެރޭން ވަރަށް އިސް ފާރަވެރިޔަކު ޖާއިޒު
މަނިއްޕުޅާ ފާކުރުމެވެ. މި ފާރަވެރިޔަކީ އަސުރުމާ ޕާޓީއަށް
ވަފާތެރިއެކެވެ. ކާޅު ޕާޓީ ދެކެ ރުޅިއަރާ މީހެކެވެ. ނަމަކީ ހުޝާދު އެވެ.
ދުވަސްވަރަކީ މިނިކާރާއްޖޭގެ ރަސްކަމުގެ ގުރުނެގުމުގެ އާ ބުރަކަށް
ތައްޔާރުވަމުންދިޔަ ދުވަސްވަރެވެ. އެހެންވީމާ ކާޅު ޕާޓީގެ މީހުން މަގުން
އެކަހެރިކޮށް ބަދުނާމު ކުރުން އޮތީ އަސުރުމާ މީހުން ނިކަން ބޭނުންވާ
ކަމަކަށް ވެފަ އެވެ. ޖާއިޒު މަނިއްޕުޅަކީ ކާޅު ޕާޓީގެ އިސް މީހަކަށްވާތީ
މީނާ ސައިޒުކޮށްލުމަކީ އަސުރުމަލަށް ދެވޭނެ ހަދިޔާއަކަށް ވެސް ވާނެއެވެ.
ކޮންމެއަކަސް މި ހުޝާދު ދިޔައީ ޖާއިޒު މަނިއްޕުޅަށް ފާރަލަމުންނެވެ.
އޭނާގެ ފޯންކޯލްތައް ވެސް ދިޔައީ އަޑު އަހަމުންނެވެ.
މިހައިރު ކަލަމިންޖާ ޑރ ފަހީދު މަނިކު އޮތީ ދޮޅު މިލިޔަން ދީނާރަށް
ވީޑިއޯ ގަތުމުގެ އިޒުނަ ދެއްވައިފަ އެވެ. ފައިސާ ހުރީ ރަސްކަމުގެ
ކިއްލާގައި ތައްޔާރަށެވެ. އަނެއްކޮޅުން އެކްސްވައިޒެޑުގެ ކޮރަޕްޓް ތިން
ހިއްސާދާރުން ތިބީ އަނެއް ހިއްސާދާރަށް ވަގަށް ކުންފުނީގެ ދޮޅު މިލިއަން
ދީނާރު ފަރުހަތަށް ދީފައި ވީޑިއޯ ގަނެވިފައިވާތީ ހަގީގަތް ފަޅާއެރުމުގެ
ކުރިން އެފައިސާ ކުންފުންޏަށް ގެނެވޭނެ ގޮތެއް ބޭނުންވެފަ އެވެ. ފައިސާ
ހަމަޖެހުނީމާ މި ވީޑިއޯ ގަންނާނެ ކަމަށް ޖާއިޒު އޮތީ ބުނެފަ އެވެ.
އެކަމަކު މިއީ ކަލަމިންޖާގެ ވިދާޅުވުމަކަށް ކުރާކަމެއްކަން އޭނާވެސް އޮތީ
ސިއްރުކޮށްފަ އެވެ. އެއްދުވަހެއްގެ މެންދުރު އެކްސްވައިޒެޑުންގެ
ހިއްސާދާރެއްކަމުގައިވާ މާނިޒުގެ ފޯންކޯލެއް ޖާއިޒަށް ލިބިއްޖެ އެވެ.
މާނިޒު އެންގި އެވެ. ވިޔަފާރި ނިންމައިލާން ފައިސާ ހިފައިގެން އަވަހަށް
އަންނާށެވެ. ވީޑިއޯގެ އަސްލު މިއޮތީ އެވެ. އަހުރެން މިހިރީ ބަނަސްފިހާ
މަގުން ބޮޑު ސިނަމާގެ ފުރަގަހުގައި ހުންނަ މަގޭ އޮފީހުގަ އެވެ. މި
އޮފީހަކީ މި މާނިޒު ހިއްސާވާ އެހެން ކުންފުންޏަކުން ހިންގާ ރިސޯޓެއްގެ
މާލިސްތާނު އޮފީހެވެ. އެ ރިސޯޓަށް ކިޔަނީ ބިއުޓިފުލް ގޮނޑުދޮށް ރިސޯޓެވެ.
މި ފޯންކޯލް ލިބުނު އިރު ޖާއިޒު ހުރީ މިނިކާރާއްޖޭގެ ބޮޑު ބޭންކުގެ މައި
އޮފީހާ ޖެހިގެން ހުންނަ ގަހުވަ ޚާނާއެއްގައި ބަނޑަށް އެއްޗެއް ލުމުގެ
މަސައްކަތުގަ އެވެ. މީނާގެ އަތުގައި އެބުނާ ދޮޅު މިލިއަން ދީނާރު
އެވަގުތު ނުވެސް ނެތެވެ. މީނާގެ ހިތުގައި ޖެހުނެވެ. އެންމެ ފުރަތަމަ
ކަމަކީ ވީޑިއޯގެ އަސްލު އަތުގައި ޖެއްސުމެވެ. އޭތި އަތުޖެހުނީމާ
ކަލަމިންޖާގެ ވަޒީރުލް ގަލަމަށް ގުޅައިލީމާ ދީނާރު ކޮޅާއިގެން ކޮންމެވެސް
އެހީތެރިއަކު ފޮނުވައިފާނެ އެވެ. އެހެންވީމާ އަހުރެން ސީދާ އެތަނަށް ދާނީ
އެވެ. މިހެން ހިތައި މީނާ ކައިކައި ހުރި ސޭންޑްވިޗް ވެސް ކޮތަޅަކަށް
ލައިގެން މީނާގެ ޖަމަލުގެ މައްޗަށް ސަވާރުވެގެން އަވަސް އަވަހަށް
ބިއުޓިފުލް ގޮނޑުދޮށް މާލިސްތާނު އޮފީހަށް ހިގާއްޖެ އެވެ.
އެތަނަށް ދިޔައިރު އެކްސްވައިޒެޑުގެ އެއްހިއްސާދާރު އަދި ބިއުޓިފުލް
ގޮނޑުދޮށުގެ ވެސް ވެރިޔާ މާނިޒު ތައްޔާރަށް ހުއްޓެވެ. ޖާއިޒުގެ އަތުގައި
ސުންބުއްޔެއް އޮތީމާ މީނާ ހީކުޅައީ އޭގެ ތެރޭގައި ހުރީ ދީނާރު ކަމަށެވެ.
އެހެންވެ ފައިސާ ކޮބައިހޭ ނުވެސް އަހައި މިއޮތީ ވީޑިއޯއޭ ބުނެ މީނާގެ
އަތުގައި އޮތް ހާޑް ޑިސްކެއް އެތާގެ ކޮމްޕިއުޓަރެއްގައި އަޅުވައި އެއީ
ވީޑިއޯގެ އަސްލުކަން ސާބިތުކޮށްދޭން ފަށައިފި އެވެ. މާގިނައިރުތަކެއް
ނުވެ ބަޔަކު އައިސް މިތާގެ ދޮރު ވައްޓައިލައިފައި އެތެރެއަށް ވަންނާން
ދިމާކުރީމާ މާނިޒު ގޮސް ހުޅުވިއިރު އަސްތާ މިއައީ މިނިކާރާއްޖޭގެ
ފާރަވެރިންގެ ފައުޖެކެވެ. މި ފައުޖުގެ ވެރިޔަކަށް ހުރީ ކުރީގައި ބަޔާން
ކުރެވުނު ހުޝާދު އެވެ. މި ދެމީހުންވެސް ވަރަށް ހައިރާންވެގެން ތިއްބާ
ހުޝާދު ބުންޏެވެ. މިއައީ މިހިރަ ޖާއިޒު މަނިއްޕުޅު ޒާތެއްގެ ވީޑިއޯއެއް
ގެންގުޅޭތީ މީނާއަށް ފާރަލަމުން އައިސް މިތާގައި މީގެ ވިޔަފާރިއެއް
ކުރާކަމަށް ޖާސޫސީ މައުލޫމާތު ލިބިގެންނެވެ.
މިހެން ބުނެފައި މިތާގެ ހުރިހާ ކޮމްޕިއުޓަރުތަކެއް ހާވައި ބަލައި ހުރިހާ
ފައިލްތަކެއްވެސް ބަލައި އެއްކަލަ ވީޑިއޯ ނަގައިފި އެވެ. ދެން މާނިޒުއާ
ސުވާލު ކުރިއެވެ. މިއީ ކާކުގެ އެއްޗެއް ހެއްޔެވެ. މީނާ ބުންޏެވެ. ތިޔައީ
މިއިންނެވި ޖާއިޒު މަނިއްޕުޅު މިތަނަށް ގެނައި އެއްޗެކެވެ. އޭގެ ވެރިޔަކީ
އޭނާ އެވެ. މި އޮފީހަކާއި ތިޔަ ވީޑިއޯއަކާއި އެއްވެސް ގުޅުމެއް ނެތެވެ.
އެއީ ތެދެއްހޭ ހުޝާދު ސުވާލު ކުރީމާ ޖާއިޒު މަނިއްޕުޅު ޖަވާބު ދިނެވެ.
ނޫނެކެވެ. ތިޔައީ އަހުރެންގެ އެއްޗެއް ނޫނެވެ. ތިޔައީ މި އިންނެވި
މާނިޒުގެ އެއްޗެކެވެ. ތިޔަކަން ހިނގާފައި އޮތީ މިހެން މިހެންނެވެ.
ރަސްކަމުގެ ގަނޑުވަރަށް ތިޔައެތި ބޭނުންވެގެން އަހުރެން މިހިރީ
ކަލަމިންޖާ ވިދާޅުވެގެން އޭތި ބަލާއައިހެވެ. އަހުރެންނަކީ ކަލަމިންޖާގެ
ކިހާ އަރިސް މީހެއްކަން ކަލޭމެންވެސް ދަންނާނޫ އެވެ. މިހެން ބުނީމާ
ހުޝާދު ވަރަށް ހިނިއައިސްފައި ހުރެގެން ބުންޏެވެ. ވަޒީރުންނާއި
ކަލަމިންޖާއިންގެ ކަމަކީ ބަރަހަނާ ވީޑިއޯ ގެންގުޅެ އޭގެ
ވިޔަފާރިކުރުންކަމެއް އަހުރެން ނުދެނަހުރީމެވެ. ތިޔަވާހަކަ ކަލޭގެ
ސަރިއަތުގައި ދައްކާށެވެ. ތިޔަހަރީ ހައްޔަރު ކުރެވިފަ އެވެ. ވަގަކަށް
ހާސް ދުވަހެވެ. ވެރިޔަކަށް އެއްދުވަހެވެ. މިއަދު ވެރިޔަކީ ކަލޭގެއެއް
ނޫނެވެ. މިއަދު ވެރިޔަކީ އަހުރެންނެވެ. މިތާގެ ސީސީޓީވީ ބެލީމާވެސް މި
ވީޑިއޯ މިތަނަށް ގެނައީ ކަލޭގެ ގެނބައި ސުންބުލީގެ ތެރޭގައި ކަން
ސާބިތުވެ އެވެ. މިހެން ބުނެފައި ޖާއިޒު ގޮވައިގެން ފާރަވެރިންގެ ބޮޑު
އަސްގާޑިޔަލަށް ލައިގެން ގެންގޮސްފި އެވެ. އެހިސާބުން ވީޑިއޯ އޮތީ
ފާރަވެރިންގެ އަތުގަ އެވެ. ފާރަވެރިންގެ ބޮޑު މަރުކަޒުގައި ޖާއިޒު
މަނިއްޕުޅު ބޭންދުމަށް ފަހު ދެން ގެންދިޔައީ ޖަޒީރަތުއްދޫނި ކިޔުނު
ރަށަށެވެ. އެއީ މީހުން ބަންދުކޮށްގެން ގެންގުޅޭ ހުރަގެއެއް ކަހަލަ
ރަށެކެވެ. (ނުނިމޭ)