އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ބަލިވެ، އެ ޕާޓީގެ ބޮޑި މެޖޯރިޓީއެއް އޮތް އައްޑޫ ވެސް ގެއްލުނީ ރައްޔިތުން ބޭނުންވި ތަރައްގީ އެމްޑީޕީގެ ސަރުކާރުގައި ނުގެނެސްދެވުމުން ކަމަށް ވެރިކަން ކުރާ، ޕީއެންސީ އަށް ނިސްވަތްވާ އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި އޭނަ ވިދާޅުވީ އެމްޑީޕީ އަށް ރައްޔިތުން ނޫނެކޭ ބުނީ ރައްޔިތުން ބޭނުންވި ތަރައްގީ އާއި ކުރިއެރުން އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެގެން ގެނެސް ނުދެވުނީމައި ކަމަށެވެ.
"ރައްޔިތުން އެ ބޭނުންވި ތަރައްގީ، އެ ބޭނުންވި ކުރިއެރުން އައްޑު އަށް ވެސް އަދި ޖުމްލަކޮށް މުޅި ދިވެހި ރާއް ޖެއަށް ވެސް، އެ ބޭނުންވި ގޮތަށް ނުގެނެވުމުގެ ނަތީޖާކަމަށް އަޅުގަނޑު ގަބޫލުކުރާނީ،" މަރަދޫފޭދޫގެ ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަލީ ނިޒާރުގެ ދަރިކަނލުން ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ވުރެ މާ ކުރިން، ރައްޔިތުންގެ ރާއްޖޭގެ ރައީސް ކަމަށް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އިންތިޚާބުކުރީ އެމްޑީޕީ އަށް އޮތް އިތުބާރު ގެއްލުމުން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ތަރައްގީ ވަރަށް ބޮޑަށް ބޭނުންވެފައ. ބަދަލުތައް، ޒަމާނާ އެއްގޮތަށް، ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް އެ އަންނަ ތަރައްގީއާއި ތަހުޒީބު އަޅުގަނޑުމެން ވެސް އެބަ ބޭނުންވޭ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ ފޮނި އުއްމީދުތަކަކާއި ވަރަށް ބޮޑު ޔަގީންކަމަކާއެކު އަޅުގަނޑުމެންގެ ޕާޓީ އަށް ބޮޑު އަގުލަބިއްޔަތެއް ރައްޔިތުން ދީފައި މި ވަނީ."
ނިޒާރު ވިދާޅުވީ އައްޑޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ފާހަގަކޮށް އެ ކަންތައްތައް ކޮށް ދޭން ސަރުކާރާއި އައްޑޫގެ މަޖިލިސް މެންބަރުން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ދިނުމާއި ސިއްހީ ޚިދުމަތްތައް ހޯދަން މާލެ އަށް ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން ނިމުމަކަށް ގެނައުން ފަދަ ކަންކަމަކި އައްޑޫގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ރައްޔިތުން ބޭނުންވާ މިފަދަ ކަންކަން ކޮށް ދިނުނަށް މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނެކަގެ ޔަގީންކަން ދެން." ނިޒާރު ވިދާޅުވި އެވެ.