ފަލަސްޠީނުގެ ހައްގުގައި ދިވެހިން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވީ "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކުރިއަށް ގެންދާ ޓެލެތޯން ފެށުމަށްޓަކައި އެތަނުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި އެކި ގޮތްގޮތުން އެ ޤައުމުގެ ރައްޔިތުންނަށް ދިވެހިން އެހީވަމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން ފަލަސްތީނުގެ ދިފާއުގައި ވާހަކަ ނުދައްކާ އެތައް ބަޔަކު މިއަދު އެ ގައުމުގެ ދިފާއުގައި ފާޅުގައި މަސައްކަތް ކުރަމުން އނަްނަ އިރު ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިނގަމުން ދަނީ ދެ ގައުމެއްގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. އެހެންވެ މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދުގެ މައްސަލައެއްކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއް، މަސްއޫލިއްޔަތެއްކަމުގައި ބަލަން ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާ އަށް ދާންޖެހޭ ކަމެއް މިއީ. އަޅުގަނޑުމެންނަށް ﷲ ނިޢުމަތް ދެއްވަނީ އެ ނިޢުމަތް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި."
ރައީސް ފާހަގަކުރެއްވި ގޮތުގައި މި ވަގުތު މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ފަލަސްތީނުގެ މައްސަލަ އެވެ. އެހެންވެ އެކަމަށް އެހީތެރިކަން ފޯރުކޮށް ނުދީފި ނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ވެސް އެ މަނިމުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މިރޭ 12:00 ހަމައަށް ކުރިއަށް ގެންދާ ޓެލެތޯނަށް ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުން ވެސް އެހީވެ، ފައިސާ ހަދިޔާކޮށް ދޭން އެދިވަޑައިގެންފަ އެވެ.