ގައުމީ ޔުނިވަރސިޓީ އާއ އިސްލާމިކް ޔުނިވަސިޓީ ގުޅިގެން ޗައިނާގެ އެންބަސީން ގްރާންޓް ހާޞިލުކުރުމުގެ ފުރުސަތުތަކެއް ހުޅުވާލައި، އެކަމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގަައި އިއްޔެ އައިޔޫއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ތަނުގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރުއެވެ. ޗައިނީސް އެންބަސީ ގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވަން ލީޒިން އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.
"ޗައިނީސް އެންބެސެޑަ ބާސަރީ" ޕްރޮގްރާމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، ޝަރުތުހަމަވެ، ހޮވޭ 15 ދަރިވަރަކަށް، ކޮންމެ ދަރިވަރަކަށް ޖުމްލަ 10،000ރ. ގެ ގްރާންޓެއް ދޭން ވަނީ ނިންމައިފަ އެވެ.
މިއަށް އެދެވޭ ޝަރުތުތަކުގެ ތެރޭގައި މާލީ ދަތިކަމުގެ ސަބަބުން ތަޢުލީމު ހާޞިލުކުރުމަށް ދަތިވުމާއި، އޯ ލެވެލް އަދި އޭ ލެވެލްގައި އިސްލާމް އާއި ދިވެހި މާއްދާ ހިމެނޭގޮތަށް 4 މާއްދާއިން ފާސްވެފައިވުން އަދި ޑިޕްލޮމާއިން މަތީގެ ހުރިހާ ސެމިސްޓަ އެއްގައިވެސް 3.0-3.5 ޖީ.ޕީ.އޭ އާއި ދެމުދެގެ ނަތީޖާއެއް ލިބިފައިވުންމުގެ އިތުރުން، އައިޔޫއެމް/އެމްއެންޔޫގައި ކިޔަވަމުން އަންނަ ނުވަތަ ކިޔެވުމަށް ހުށަހަޅާ ދަރިވަރަކަށްވުން ހިމެނެ އެވެ.
މީގެ އުރުރުން އެހެން އެއްވެސް ސްކޮލަޝިޕެއް ނުވަތަ ކިޔެވުމަށްޓަކައި އެއްވެސް މާލީ އެހީއެއް ލިބިފައި ނުވާ ދަރިވަރަކަށް ވެސް ވާން ޖެހޭނެ އެވެ.
މިއީ ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޗައިނާގެ މަޢުލޫމާތު މުއްސަނދިކުރުމާއި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތަޢުލީމު ހާޞިލުކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.