މި އަހަރުގެ ތެރޭގައި މިފްކޯ އަށް ކަންނެލި ނުގަނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ލޭނު އަޅަން ސަރުކާރުން ހުއްދަ ދޭން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަން އިން އިންތިޒާމުކޮށްގެން މިއަދު ފެށި އިހުތިޖާޖާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ މިފްކޯ އިން ކަންނެލި ގަތުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް ގައުމާއި މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން މި އަހަރު އެ ކަން ނުކުރެވޭނެ ކަމަށެވެ.
"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށެއް. މިފްކޯ އޮތީ އެ ހާލަތަކު ނޫން،" އޭނަ ވިދާޅުވި އެވެ. "މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ދައުރުގެ ވަރަށް ކުރީކޮޅު ވައުދުތައް ފުއްދަމުންނޭ މި ދަނީ، އެ ކަން ވެސް ސަރުކާރުގެ ވައުދާ އެއް ގޮތަށް ހިނގަމުން ދާނެ."
ޝިޔާމު ވިދާޅުވީ ލޭނު މަސްވެރިކަން ހުއްދަ ކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަނީ ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބެލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި ހުއްދަ ދިނަސް މީގެ ކުރިން ލޭނު އަޅާ ގޮތަށް އަޅަން ފުރުސަތު ނުދޭނެކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އަލުން ދޭން އުޅެނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.