ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ކިލް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ބާރު ސްޕީޑްގައި ދުއްވަމުން ދާ ރޭލެއްގެ ތެރޭގައި އެންމެ ރެއެއްގެ ތެރޭގައި ހިނގައިދާ ވަރުގަދަ ތަަޅާފޮޅުންގަނޑެއް ދައްކުވައި ދޭނެ މި ފިލްމަކީ ނިކިލް ނާގޭޝް ބަޓް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިދިޔަ އަހަރު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރީމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު "ކިލް" އަކީ އެކްޓަރު ލަކްޝް ލަލްވާނީ ތައާރަފުކުރާ ފިލްމެވެ.
ވަރުގަދަ އެކްޝަން ރޯލަކުން އޭނަ ބޮލީވުޑަށް ދޫކޮށްލަން ނިންމި ނަމަވެސް، ލަކްޝްގެ ފުރަތަމަ ފިލްމަކީ ދަރުމާ އަށް 2018 ގައި ސޮއިކުރި ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" އެވެ. އެ ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2019 ގައި ހުއްޓުނު ފަހުން، ފިލްމުގެ އެއްވެސް މަސައްކަތެއް ފަހަކުން ކުރިއަކަށް ނުދެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ލަކްޝް އަކީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ސްޓާޑަމް" ގެ ވެސް ލީޑް ބަތަލުކަމެވެ. މީގެ ހަފުތާއެއް ކުރިން އޭގެ ޝޫޓިން ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ އެންމެ އަނިޔާވެރި ތަޅާފޮޅުންތަކެއް ފެންނާނެ ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ "ކިލް" ސިނަމާތަކަށް ދޫކޮށްލަން ހަމަހެހިފައި ވަނީ އަންނަ މަހުގެ 5 ގަ އެވެ. މީގެ ކާސްޓްގައި ރާގަވް ޖުޔަލް އާއި ތާނިޔާ މަނިކްތަލާގެ އިތުރުން އާޝިޝް ވިދިއާތީ ވެސް ހިމެނެ އެވެ.
ދަރުމާ އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ މަހުގެ 31 ގައި ރިލީޒްކުރި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.