މި އަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި އުދުހޭ ޓެކްސީ ބޭނުން ކުރަން ސައުދީ އަރަބިއްޔާ އިން ނިންމާފައި އޮތް ނިންމުމާ އެއްގޮތަށް އިއްޔެ އެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް އިއްޔެ ފުރަތަމަ ފައްޓަވައި ދެއްވީ ސައުދީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ޗެއާމަން ސަލާހް އަލް ޖައްސާރެވެ.
ސައުދީ ބުނީ އުދުހޭ ޓެކްސީ މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ހައްޖުވެރިން އެއާޕޯޓުން ހޮޓާތަކަށާއި މުގައްދަސް ތަންތަން އުފުލުމުގެ އިތުރަށް ހައްޖުވެރިންނަށް ދިމާވާ އިމަޖެންސީ ހާލްތަތަކުގައި ކަމަށެވެ. މީގެ އިތުރުން ބޭހާއި ސިއްހީ އެކިއެކި ސާމާނު އުފުލަން ޖެހޭ ހާލްތަތަކުގައި އެކަމަށް ވެސް އުދުހޭ ޓެކްސީ ބޭނުން ކުރަން ވަނީ ނިންމައިފަ އެވެެ.
މި އަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި ސައުދީން ރަސްމީކޮށް އުދުހޭ ޓެކްސީ ބޭނުން ކުރަން ފެށި އިރު، މިއީ ރަސްމީކޮށް ގައުމެއްގައި މި ހިދުމަތް ތައާރަފުކުރި ފުރަތަމަ ފަހަރެވެ. މި އަހަރުގެ ހައްޖުގެ އަޅުކަން 2.5 މިލިއަނެއްހާ މީހުން އަދާކުރަން ހަމަޖެހިފައިވާ އިރު، އުދުހޭ ޓެކްސީގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ލުއެއް ލިބޭނެ ކަމަށް ސައުދީން ބުންޏެވެ.
ހާއްސަކޮށް މަގުތަކުގެ ތޮއްޖެހުންތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބޭނެ އެވެ.
އުދުހޭ ޓެކްސީ ބޭނުން ކުރާނެކަން ސައުދީން އިއުލާންކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ސައުދީ ސަރުކާރުން މިކަން ކުރިއަށް ގެންދަނީ އެ ގައުމުގެ ގައުމީ އެއާލައިން އޮޕަރޭޓްކުރާ ސައުދިއާ ގްރޫޕާ ގުޅިގެންނެވެ. އެގޮތުން 100 އެއްހާ އިލެކްޓްރިކް އުދުހޭ ޓެކްސީ ބޭނުން ކުރާނެ ކަމަށް ކުރިން ބުނެފައިވެ އެވެ. އެއިން ކޮންމެ އެއްޗެއްގައި 4-6 މީހުންގެ ޖާގަ ހުންނާނެ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.