Last Updated: November 29, 05:56
Friday, November 29, 2024
މުނިފޫހިފިލުވުން

ސަނީގެ "ބޯޑާ 2" ރަސްމީކޮށް އިއުލާންކޮށްފި

ހިންދީ ސިނަމާގެ ކާމިޔާބު ހަނގުރާމަ ފިލްމު "ބޯޑާ" ގެ ދެވަނަ ބައިގެ ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން، އެ ފިލްމު މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ފިލްމު އިއުލާންކުރީ އެކަމަށް ހާއްސަ ވީޑިއޯއަކުންނެވެ. އޭގައިވާ ގޮތުން ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް "ބޯޑާ 2" ޕްރޮޑިއުސްކުރަނީ 1997 ގެ ފިލްމުގެ ޑައިރެކްޓަރު ޖޭޕީ ދައްތާގެ ކުންފުންޏާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. އަދި ވީޑިއޯގައި ބުނެފައިވާ ގޮތުން މި ފިލްމު ވާނީ އިންޑިއާގެ އެންމެ ވަރުގަދަ ހަނގުރާމަ ފިލްމަށެވެ.

"ބޯޑާ 2" ގައި ސަނީ ހިމެނޭކަން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އެކަމަކު ފިލްމުގެ އިތުރު ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ބޯޑާ 2" ގެ ކާސްޓްގައި އަޔޫޝްމަން ކްރާނާ ވެސް ހިމެނޭނެ އެވެ.

މި ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ އަނޫރާގް ސިންގްއާ އެވެ. އޭނަ އަކީ އަކްޝޭ ކުމާރާ އެކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2019 ގައި ގެނެސްދިން ހަނގުރާމަ ފިލްމު "ކޭސަރީ" ގެ ޑައިރެކްޓަރެވެ.

"ބޯޑާ 2" އިއުލާންކުރި އިރު، ސަނީ އަންނަނީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ "ލާހޯރް، 1947" ގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ގަދަރު 2" އެވެ.