2017 ވަނަ އަހަރު ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލާގައި ދައުވާ އުފުލި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް، އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
ނަދީމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.
އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އަނެއް ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.
މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އިސްތިއުނާފު ހުށަހަޅާފައެވެ.
މި މައްސަލައިގައި މަފާޒު ބަންދު ކޮށްދިނުމަށް ޕީޖީން ހައިކޯޓުގައި އެދިފައިވަނީ މިމައްސަލައިގައި ހައިކޯޓުގައި އެންމެ ފަހުން ކުރިއަށްގެންދިޔަ އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި މިކަމާމެދު ނިންމިގޮތް އިއްވަވަމުން މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ވިދާޅުވީ އަލްއުސްތާޛު ހުސައިން ޝަހީދު ވިދާޅުވީ ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި ކުށްކުރިކަމަށް ތުހުމަތުކުރެވޭ ގޮތުގެ އިތުރުން، މަފާޒުގެ މައްޗަށް މިހާރުވެސް ކްރިމިނަލް ކޯޓުގައި އިތުރު އަޑުއެހުންތަކެއް ކުރިއަށްދާތީ މަފާޒަކީ ތަކުރާރުކޮށް ކުށުގެ ވެށިގައި އުޅޭ މީހެއްކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އިސްތިއުނާފު ނިމެންދެން މަފާޒު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަލްއުސްތާޛު ހުސައިން މަޒީދު, އަލްއުސްތާޛު ހުސައިން ޝަހީދު އަދި އަލްއުސްތާޛް މުހައްމަދު ސަލީމްއެވެ.
ނަދީމް މަރުވީ ޓާމިނަލް ކެފޭތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.