Last Updated: November 29, 05:56
Friday, November 29, 2024
މުނިފޫހިފިލުވުން

އާލިއާގެ "ޖިގްރާ" އޮކްޓޯބަރަށް ފަސްކޮށްފި

ކުރިން މި އަހަރުގެ ސެޕްޓެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް އާލިއާ ބަޓްގެ ފިލްމު "ޖިގްރާ" އޮކްޓޯބަރަށް ފަސްކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު ކުރިން ބެލުންތެރިންނަށް ގެނެސްދޭން އޮތީ ސެޕްޓެމްބަރު 27 ގަ އެވެ. ނަމަވެސް "ޖިގްރާ" ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ އޮކްޓޯބަރު 11 ކަން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

މި ފިލްމަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އިޓާނަލް ސަންޝައިން އާއި އޭނަ ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ. "ޖިގްރާ" އަކީ އާލިއާ ޕްރޮޑިއުސްކޮށް، ކުޅުނު ދެވަނަ ފިލްމެވެ. އޭނަގެ އިޓާނަލް ސަންޝައިންގެ ފުރަތަމަ ފިލްމަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާ ގުޅިގެން 2022 ގައި ގެނެސްދިން "ޑާލިންސް" އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ހުނަރުވެރި ބަތަލާ ވަަރަށް ތަފާތު ރޯލަކުން ފެންނާނެ "ޖިގްރާ" ގެ ޑައިރެކްޓަރަކި 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެނެސްދިން ވަސަން ބާލާ އެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޮގަސްޓްގައި ނެޓްފްލިކްސް އިން ގެނެސްދިން ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" އެވެ.

"ޖިގްރާ" ގެ ކާސްޓްގައި އާލިއާ އެކީ ވެދާންގް ރައިނާ ވެސް ހިމެނެ އެވެ. އޭނަ އަކީ މިދިޔަ އަހަރުގެ "ދި އާޗީސް" އިން ތައާރަފުވި އެކްޓަރެކެވެ.