Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

މޮޅަކުން ޔޫރޯ ފަށަން ޖަރުމަނު އޮތީ ތައްޔާރަށް

މޮޅަކުން ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށަން ޖަރުމަނު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.

ޔޫރޯ ބާއްވާ ގައުމު ކަމަށްވާ ޖަރުމަނުން މިރޭ މުބާރާތުގެ ފުރަތަމަ މެޗުގައި ނިކުންނާނީ ސްކޮޓްލޭންޑާއި ދެކޮޅަށެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ނާގަލްސްމަން ބުނީ ސްކޮޓްލޭންޑަށް ވުރެ ބޮޑަށް މިރޭ ޕްރެޝަރު އޮތީ ޖަރުމަނަށް ކަމަށާއި ނަމަވެސް މުބާރާތް އޮތީ ޖަރުމަނުގައި ކަމުން ޕްރެޝަރާއި އަދި ސްކޮޓްލޭންޑް ވެސް ބަލި ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޖަރުމަނު ޓީމު އޮތީ އިތުބާރާއެކު ކަމަށާއި ޓީމުގެ ފަރާތުން ފެންނަނީ އެ މަންޒަރު ކަމަށް އޭނާ ބުންޏެވެ.

ސްކޮޓްލޭންޑުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނެތުމަކީ ވެސް ނުރައްކަލެއް ކަމަށާއި އެޓީމަކީ ދަނޑު މަތީގައި ހުރިހާ އެއްޗެއް ދޭނެ ފަދަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށްވެސް ނާގަލްސްމަން ބުންޏެވެ.

ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ޔޫރޯ ތިން ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނަށް 2014 ގެ ވޯލްޑް ކަޕަށް ފަހު މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އެގޮތުން ފާއިތުވި ދެ ވޯލްޑް ކަޕުން ވެސް ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. އަދި އެންމެފަހުގެ ޔޫރޯގެ ގަދަ 16 އިން އެޓީމު ވަނީ ކަޓާފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑާއި ދެކޮޅަށް ނިކުތުމަށްފަހު، ޖަރުމަނު ދެން ބައްދަލުކުރާނީ ހަންގޭރީ އަދި ސްވިޒަލޭންޑާއި ދެކޮޅަށެވެ.

ޖަރުމަނާއި ސްކޮޓްލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.