Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

އޭ ލެވެލް އަށް ފީ ދައްކައިދޭ އުސޫލަށް ބަދަލެއް

އައްޑޫގައި އޭ ލެވެލަށް ކިޔަވައިދޭ އައްޑޫ ހައި ސްކޫލްގެ ދަރިވަރުންތަކެއް.

އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކައިދޭ އުސޫލަށް ބަދަލު ގެެނެސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުއްވި މަތީ ސާނަވީ އަށް ކިޔަވައިދޭ ސާކިއުލާއެއްގައި ބުނީ ގުރޭޑް 11 ގެ ދަރިވަރުން ހަދަމުން އަންނަ އޭއެސް އިމްތިހާނަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ފީ ދައްކައި ދެނީ ސްކޫލުތަކުގައި ހަދަމުން އަންނަ އިމްތިހާންތަކުން 60 މާކްސް އިން މަތި ހޯދާ ދަރިވަރުންނަށް ކަމަށެވެ.

ނަމަވެސް އުސޫލަށް އިއްޔެ އިން ފެށިގެން ގެނައި ބަދަލާ އެކު ސްކޫލުތަކުގައި ހަދަމުން އަންނަ އިމްތިހާންތަކުން 50 މާކްސް އިން މަތި ހޯދާ ދަރިވަރުންނަށް ވެސް އޭއެސް އިމްތިހާން ހެދުމަށް ސަރުކާރުން ފީ ދައްކައި ދޭން ވަނީ ނިންމައިފަ އެވެ.

އާ އުސޫލުގައިވާ ގޮތުން ގޮތުން އޭ އެލެލް އިމްތިޙާނަށް ސަރުކާރުން ފީ ދައްކައި ދޭނީ ގުރޭޑް 11 އާއި 12 ގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށެވެ. ފީ ދެއްކުމުގައި ބަލާނީ އެ ދަރިވަރަކު ކިޔަވާ ސްކޫލެއްގައި އެންރޯލް ވެފައިވާ މާއްދާތަކަށް ރިޔާއަތްކޮށެވެ.

އަދި އެޗްއެސްސީ އިމްތިޙާނުގެ އިސްލާމާއީ ދިވެއްސަކީ އޭ ލެވެލްގެ ގުރޭޑްތަކުގައި ހުރިހާ ދަރިވަރުން ކިޔެވުމަށް މަޖޫބޫރު މާއްދާތަކަކަށްވުމާއެކު އެ ދެ މާއްދާ އަށް ސަރުކާރުން ކުރިއެކޭ އެއްގޮތަށް ފީ ދައްކައ ދޭނެ އެވެ.

އެޑެކްސެލް ޖީސީއީ އޭ ލެވެލް (އޭޓޫ) އިމްތިޙާނުގެ މާއްދާތަކަށް ސަރުޚާރުން ފީ ދައްކައި ދޭނީ، ގުރޭޑް 11 ގެ ސެމިސްޓަ އިމްތިޙާނުގެ ފައިނަލް ނަތިޖާ ނުވަތަ ގުރޭޑް 12 ގެ ފުރަތަމަ ސެމެސްޓަގެ އިމްތިޙާނުން ދަށްވެގެން 40 މާކްސް ހާޞިލުކޮށްފައިވާ ގުރޭޑް 12 ގެ ދަރިވަރުންނަށެވެ.

ގުރޭޑް 11 ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އޭއެސް ލެވެލްގެ މާއްދާއެއްގެ މޮޑިޔުލަ ޔުނިޓެއްގައި ނުވަތަ ޔުނިޓްތަކެއްގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެ މާއްދާގައި ބައިވެރިވެވޭނީ، ގުރޭޑް 11 ގެ ފުރަތަމަ ސެމިސްޓަ އިމްތިޙާނުގައި އެ މާއްދާއަކުން ދަށްވެގެން 50 މާކްސް ޙާޞިލްކޮށްފައިވާ ނަމަ އެވެ. އަދި ކޮންމެ މާއްދާއެއްގެ މޮޑިއުލަކަށް ސަރުކާރުން ފީ ދައްކައި ދޭނީ އެއް ފަހަރު އެވެ. ގުރޭޑް 11 އަދި 12 ގައި މޮޑިޔުލަ މާއްދާއެއްގެ ފީ ދައްކައި ދީފައިވާ ނަމަ، އަލުން އެ ޔުނިޓެއްގައި ބައިވެރިވުމަށް ސަރުކާރުން ފީ ދައްކައެއް ނުދޭނެ އެވެ.

ކޭމްބްރިޖް އީއެސްއޯއެލް އިމްތިހާނުގެ މާއްދާތައް (ސީއޭއީ/ސީޕީއީ) އަދި ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިޙާނުގެ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް ނުވަތަ މި މާއްދާތަކުގެ ތެރެއިން މާއްދާއެއްގައި ދަރިވަރަކަށް ބައިވެރިވެވޭނީ ގުރޭޑޭ 11 ގެ ކިޔެވުން ފުރިހަމަ ކުރުމަށް ފަހު، އެއްވަނަ ޓަރމް ނުނަތަ ދެވަނަ ޓަރމް ގެ އިމްތިޙާނުގައި އެ މާއްދާއަކުން ދަށްވެގެން 50 މާކްސް ހާޞިލްކޮށްފައި ވާނަމަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ފީ ދައްކައިދޭ އުޞޫލަށް ބަދަލު ގެނައީ ސާނަވީ ފެންވަރަށް ކިޔަވާ ދަރިވަރުން އެ މަރުހަލާ ފުރިހަމަ ކުރުމަށް ބާރުއެޅުމެވެ.