ހަތް ވަނަ އިންޓަނޭޝަނަލް ޓީޗަސް ކޮންފަރެންސް މި އަހަރު އއ. އުކުޅަހުގައި ބާއްވަން ނިންމައިފި އެވެ.
އެ ރަށުގައި ކޮންފަރެންސް ބާއްވާނީ ސެޕްޓެމްބަރު 28-30 އަށެވެ.
މި ކޮންފަރެންސަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި, 2012 އިން ފެށިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އައިއެންއީ) އިން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ކޮންފަރެންސްގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލު ކުރައްވާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ކިޔަވައި ދިނުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ތަފާތު ކަންކަމާ މެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ލިބިގެން ދާނެ އެވެ.
މީގެ އިތުރުން ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރާއްޖެ ހުޅުވައިދިނުމާއިއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ފުޅާކުރުމުގައި މިފަދަ ކޮންފަރެންސްތައް މުހިންމު ދައުރެއް އަދާކުރެ އެވެ.
މި އަހަރުގެ ކޮންފަރެންސްއަށް ތީމަކީ "Educate، Empower, Elevate: Equitable Education for 21st Century Excellence" އެވެ.
މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެބްސްޓްރެކްޓް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 31 ގެ ނިޔލަށް ވަނީ ހުޅުވާލައިފަ އެވެ.
ހަ ވަނަ ކޮންފަރެންސް 2022 ގައި ބޭއްވީ ކުޅުދުއްފުށީގަ އެވެ.