އައްޑޫގެ ގުޅުފައިވާ އަވަށްތަކުން އަނެއްކާ ވެސް ކަރަންޓް ކަނޑަން ފަށައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން ފެނަކައި އިން އަންނަނީ މަރުކަޒީ އިންޖީނު ގެއިން ކަރަންޓް ދެމުން އަންނަ ގުޅިފައިވާ އަވަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންނެވެ.
މިކަމާ ގުޅިގެން ފެނަކައިގެ އައްޑޫގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކަނޑަމުން ދަނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫން ކަރަންޓް ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިކަމާ ހެދި އާންމުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
ފެނަކަ އިން ބުނެފައިވާ ގޮތުގައި އައްޑޫގެ ކަރަންޓްގެ ހިދުމަތަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ އިތުރުވަމުން އަންނަ އާބާދީއާ އެކީ ކަރަންޓް ބޭނުން ކުރާ މިންވަރު ވެސް އިތުރުވަމުންދާ އިރު، ބޭނުންވާ ވަރަށް މަރުކަޒީގެ އިންޖީނުގެ ގޭގެ ކެޕޭސިޓީ ނެތުމެވެ.
ނަމަވެސް އިންޖީނުތަކަށް ދޭތެރެ ދޭތެރެއިން މައްސަލަތައް ޖެހި ކަރަންޓް ކެނޑި އެކަމުގެ އުނދަގުލާން ކުރިމަތިލާން ޖެހޭތީ އެ މައްސަލަ ދިމާނުވާ ގޮތަކަށް މަރުކަޒީ އިންޖީނުގޭގެ ހާލަތު ރަނގަޅު ކުރެވޭތޯ އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
އައްޑޫގެ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަޝްރޫއެއް ހިންގަން ފެނަކަ އިން ވަނީ އެޕްރީމް މަހު ވަނީ ޗައިނާގެ ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ.