Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

ޖަރުމަނުން ބޮޑު މޮޅަކުން ޔޫރޯ ފަށައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ޖަރުމަނުން 5-1 އިން ސްކޮޓްލެންޑް ބަލިކޮށްފި އެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ޖޯޝުއާ ކިމިޗް ދިން ޕާހަކުން ފްލޯރިއަން ވާޓްޒް ވަނީ ޖަރުމަނުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގައި ބަޔާ ލެވަކޫސަންގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ވާޓްޒް މި ގޯލު ކާމިޔާބު ކުރީ ސްކޮޓްލެންޑްގެ އޭރިއާ ރޮގުމަތީ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އޭގެ 9 މިނެޓް ފަހުން ސްކޮޓްލެންޑްގެ އޭރިއާތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ޖަމާސް މުސިއާލާ ޖަރުމަނުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ. މިއީ ޖަރުމަނުގެ ކެޕްޓަން އިލްކާއި ގުންޑޮގާން އަށް ސްކޮޓްލޭންގެ ރަޔަން ޕޯޓިއަސް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ކަމަށްވާއިރު މި ފައުލާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތްކާޑު ދައްކާފަ އެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު ސްކޮޓްލެންޑުން ފުރިހަމަ ކުރަން ޖެހުނުއިރު، ޖަރުމަނުގެ ހަތަރުވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ނިކްލަސް ފުލްކްރުގް އެވެ. އަދި ޖަރުމަނުގެ ފަހު ގޯލު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެމްރޭ ޗާން އެވެ. މި މެޗުގައި ސްކޮޓްލެންޑުން ޖެހި ހަމައެކަނި ގޯލަކީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޖަރުމަނު ނިކުންނާނީ ހަންގޭރިއާ ދެކޮޅަށެވެ. ސްކޮޓްލެންޑް ބައްދަލުކުރާނީ ސްވިޒަލޭންޑާ އެވެ.