ޒަމްޒަމްފެން އެހެން ފެނަކާ އެއްކޮށްފިނަމަ، އެ ފެނުގައި ޒަމްޒަމް ފެން އެ ހުރި ނިސްބަތަކަށް (އެ މިންގަނޑަކަށް) އެ އެއްކުރެވުނު ފެނުގައި ބަރަކާތް ހުންނާނެއެވެ. އެއީ އެ އެއްކުރެވުނުފެން ބޯމީހާ އެ ފެން ބުއިމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޒަމްޒަމް ފެން އޭނާއަށް ބޮވޭނެއެވެ. އެހެންކަމުން އޭނާ ޒަމްޒަމް ފެން ބުއިކަމަށް ބުނުން، އެފަދަ ޙާލަތެއްގައި ދޮގަކަށް ނުވާނެ އެވެ.
އަލްކަސާނީ ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ.
"ޒަމްޒަމް ފެން ނޫނީ ނުބޯން މީހަކު ހުވާކޮށްފައިވަނިކޮށް، ޒަމްޒަމް ފެނުގެ ތެރެއަށް އެހެނިހެން ފެން އަޅައި ޒަމްޒަމްފެނުގެ މަދުމިންވަރެއްނޫނީ އެ އެއްކުރެވުނު ފެނުގައި ނެތިއްޖައުމަށް ދަންދެން އެހެނިހެން ފެން އެޅިނަމަ، އަދި އޭނާ އެއިން ބުއިނަމަ، އޭނާ ހުވާ އުފާލައިފިއެވެ. އަދި އެ ހުވާގެ ކައްފާރާ ދޭން ޖެހޭނެއެވެ." “بدائع الصنائع” (3/63) .
ޝައިޚް އިބްނު ޖިބްރީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ.
ޒަމްޒަމް ފެނާއި އާދައިގެ ފެން އެއްކޮށްފި ނަމަ އެއަށް އަންނާނީ ޒަމްޒަމް ފެނުގެ ޙުކުމްތޯ އެވެ؟
ޖަވާބުގައި ވިދާޅުވި އެވެ.
"އެންމެ އިތުރުކަން ބޮޑުގޮތަކީ ޒަމްޒަމްފެން އެހެން ފެނަކާ އެއްނުކޮށް ބުއިމެވެ. އެހެން އެއްޗަކާ އެއްކުޅަނަމަ ވެސް އޭގެ މާތްކަން ދެމިހުންނަ ހުއްޓެވެ. އަދި އެއިން ފަރުވާކުރުންވެސް ހުއްދައެވެ. އެކަމަކު އެހެން އެއްޗަކާ އެއްނުކޮށް ހުންނަ ޚާލިޞް ޒަމްޒަމްފެނަށްވުރެ އޭގެ ފައިދާ އުނިވާހުއްޓެވެ." “موقع الشيخ ابن جبرين”
* ޒަމްޒަމް ފެނަކީ:
* ބަރަކާތްތެރި ފެނެކެވެ.
* ބިންމަތީގައިވާ އެންމެ މާތް ފެނެވެ.
* ބަލިތަކަށް ޝިފާ ލިއްބައިދޭ ފެނެކެވެ.
* ކާއެއްޗަކަށް އަދި ބުއިމަކަށް ފުދޭ ފެނެކެވެ.
* އިތުރު ފައިދާތަކެއް ލިއްބައިދޭ ފެނެކެވެ.
* އެ ބުއި ކޮންމެ ކަމަކަށް ފުދޭ ފެނެކެވެ.
ނޯޓް: މިއީ ޝެއިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.