Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

ސްޕެއިނަށް އުއްމީދީ ފެށުމެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިނުން ކްރޮއޭޝިއާގެ މައްޗަށް 3-0 އިން ކުރި ހޯދައިފި އެވެ.

ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ލީޑު ނެގީ މެޗުގެ 29 ވަނަ މިނެޓްގަ އެވެ. ފަބިއަން ރުއިޒް ދިން ޕާހަކުން މި ގޯލު ސްޕެއިނަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލްވަރޯ މޮރާޓާ އެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި ފަބިއަން ރުއިޒް ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މިއީ ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ސްޕެއިނުން ދެވަނަ ގޯލު ކާމިޔާބު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ކްރޮއޭޝިއާ އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ސްޕެއިންގެ ގޯލަށް ފޮނުވާލާފަ އެވެ. އެގޮތުން ބްރޮޒޮވިޗް ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން މަތަކުރިއިރު، ކިޔޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިނުން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. ކްރޮއޭޝިއާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ސްޕެއިނަށް ކާމިޔާބުކޮށްދިނީ ޑެނީ ކަވަހާލް އެވެ.

ދެވަނަ ހާފުގައި ވެސް ސްޕެއިނުން ކްރޮއޭޝިއާގެ ގޯލަށް ނުރައްކާ ކޮށްފައިވާއިރު، މި ހާފުގައި ކްރޮއޭޝިއާ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ކްރޮއޭޝިއާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބްރޫނޯ ޕެޓްކޮވިޗް ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މި ގްރޫޕްގައި ސްޕެއިނުން ދެން ބައްދަލުކުރާނީ އިޓަލީއާ އެވެ. ކްރޮއޭޝިއާ ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ.