Last Updated: October 18, 11:00
Friday, October 18, 2024
ކުޅިވަރު

އިޓަލީ ފަހަތުން އަރައި މޮޅުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަލްބޭނިއާގެ މައްޗަށް 2-1 އިން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީން ކުރި ހޯދައިފި އެވެ.

މިރޭގެ މެޗު ފަށައިގެން 22 ސިކުންތު ތެރޭގައި އަލްބޭނިއާ އިން ވަނީ ލީޑު ނަގައިފަ އެވެ. އިޓަލީގެ ފުލްބެކް، ފެޑެރީކޯ ޑި މާކޯ ފަހަތަށް އެއްލި އެއްލުމެއް ހޯދައި، އަލްބޭނިއާ އަށް މި ގޯލު ކާމިޔާބުކޮށްދިނީ ނަދީމް ބައިރާމީ އެވެ.

މިއީ ޔޫރޯގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

ނަމަވެސް މެޗުގެ 11 ވަނަ މިނިޓްގައި އަލެސަންދްރޯ ބަސްޓޯނީ ވަނީ އިޓަލީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ލޮރެންޒޯ ޕެލެގްރީނީ ނެގި ހުރަހަކުން ބޮލުންނެވެ. އަދި އޭގެ ފަސް މިނެޓްފަހުން ނިކޮލޯ ބަރޭލާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް އިޓަލީ އަށް ލީޑު ނަގައިދީފަ އެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ އަލްބޭނިއާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިޓަލީން ވަނީ ލީޑު ފުޅާކޮށްލަން އަލްބޭނިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި އަލްބޭނިއާގެ ކީޕަރުސްޓްރަކޯޝާގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ. ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 89 ވަނަ މިނެޓްގައި އަލްބޭނިއާގެ ފޯވާޑް، ރޭ މަނާއި އަށެވެ. ނަމަވެސް އިޓަލީގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މި ގްރޫޕްގައި އިޓަލީ ދެން ބައްދަލުކުރާނީ ސްޕެއިންއާ އެވެ. އަލްބޭނިއާ ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މި ގްރޫޕްގައި މިރޭ ސްޕެއިނުން ވަނީ 3-0 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.