ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މި އަހަރުގެ ކުރީކޮޅު ޝޫޓިން ފެށި މި ފިލްމަކީ 2018 ގެ ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އޭގައި ކިޔައި ދީފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ބާސްކެޓްކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ނުކުމެ، ބޮޑެތި ޕެރަލިމްޕިކްގައި ހޯދާ ކާމިޔާބީ އެވެ.
އާމިރު ބުނެފައިވާ ގޮތުގައި "ސިތާރޭ ޒަމީން ޕަރް" އަކީ އޭނަ ރޯލެއް ކުޅެ، ޑައިރެކްޓްކުރި 2007 ގެ "ތާރޭ ޒަމީން ޕަރް" އާ ޕްލޮޓްގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ފިލްމެއް ނަމަވެސް، އެ ފިލްމާ އެއްގޮތަށް އާ ފިލްމަކީ ވެސް ވަރަށް ޖަޒުބާތީކޮށްލާނެ ފިލްމެކެވެ.
#SitaareZameenPar Shooting Completed ❤️#AamirKhan https://t.co/XHMkPhukgg pic.twitter.com/dRvZHWk87P
— Dev 🏹 (@Dev_Atheist) June 16, 2024
މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައި އޮތް ނަމަވެސް މިހާރު އަންނަ އަހަރުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ "ސިތާރޭ ޒަމީން ޕަރު" ގެ ޑައިރެކްޓަރަކީ 2017 ގެ ކާމިޔާބު ފިލްމު "ޝުބް މަންގަލް ސާވްދާން" ގެނެސްދިން އާރްއެސް ޕްރައްސަނާ އެވެ.
އާމިރާ އެކީ ފިލްމުގައި ބަތަލާގެ ރޯލުން ފެންނާނީ އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުން ޖެނީލިއާ ޑި ސޫޒާ އެވެ.
އާމިރުގެ އެންމެ ފަހުގެ ފިލްމަކީ ބޮޑު ނާކާމިޔާބިއަކާ ކުރިމަތިލާން ޖެހުނު 2022 ގެ "ލާލް ސިންގް ޗައްޑާ" އެވެ. އެ ފިލްމަކީ ހޮލީވުޑްގެ 1994 ގެ ކާމިޔާބު ފިލްމު "ފޮރެސްޓް ގަމްޕް" ގެ ރިމޭކެކެވެ.