Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

ރިސްކް މެނޭޖްމަންޓް ކޯހަށް އަލުން ހުޅުވާލައިފި

ޑިޕްލޮމާ ފެންވަރަށް ފުލުހުން ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގަން ހަމަޖެހިފައިވާ ސެކުއިރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހަށް އަލުން ހުޅުވާލައިފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ކޯހަށް އަލުން ހުޅުވައިލީ މިދިޔަ މަހުގެ ތެރޭގައި ހުޅުވާލި ފުރުސަތުގައި ސުންގަޑި ހަމަވި އިރު، އެކަށީގެންވާ އަދަދަށް ކުރިމަތިލާފައި ނުވާތީ ކަމަށެވެ. އެހެންވެ އަލުން ހުޅުވައިލުމަށް ފަހު، އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަންބަރު 9921071 އިން ހޯދޭނެ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އަލުން ފުރުސަތު ހުޅުވައިލި ނަމަވެސް ކުރިން އެޕްލައި ކުރި މީހުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. މި ކޯހަށް ޖުމްލަ 18،000ރ. ދައްކަން ޖެހެ އެވެ. އަދި މަހަކު ދައްކަން ޖެހެނީ 1،500ރ. އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ގައި ފަށާ ކޯސް ކުރިއަށް ދާނީ މާލޭގަ އެވެ.

އެޕްލައި ކުރުމުގެ ޝަރުތުތަކުގެ ތެރޭގައި އޭ ލެވެލް ފުރިހަމަ ކޮށްފައިވުން؛ ނުވަތަ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެހެން ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮ ތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ޔުނިވަސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން ހިމެނެ އެވެ.

މީގެ އިތުރުން ނުވަތަ 20 އަހަރު ފުރި، ގްރޭޑް 10 ނިންމައި، ގުޅޭ ދާއިރާއަކުން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު އެމްކިއުއޭ އިން އިން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން ހިމެނެ އެވެ.

ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ މޮޑިއުލްތަކުގެ ތެރޭގައި ސްޓަޑީ ސްކިލްސް، ރިސްކް އެންޑް އިމަޖެންސީ ޕްރިޕެއާޑްނެސް، ލީޑަޝިޕް ފޯ ސެކިއުރިޓީ ޕްރޮފެޝަނަލްސް، ލޯ، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ، މެނޭޖިން ސެކިއުރިޓީ އޮޕަރޭޝަންސް، ސެކިއުރިޓީ ރިސްކް މެނޭޖްމަންޓް އަދި ސެކިއުރިޓީ އޮފް އެސެޓްސް ހިމެނެ އެވެ.