Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

ފަހު ވަގުތު ނެދަލޭންޑްސް މޮޅުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލޭންޑްސް އިން 2-1 އިން ޕޮލެންޑް ބަލިކޮށްފި އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕޮލެންޑުންނެވެ. ޕޮލެންޑަށް ލިބުނު ކޯނަރަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް ބަކްސާ އެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓުގައި ނެދަލަންޑްސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭރިއާ ބޭރުން ގަކްޕޯ ފޮނުވާލި ބާރު ހަމަލާ ޕޯލަންޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ވަނީ ގޯލު ތެރެއަށެވެ.

މި ގޯލަށްފަހު ވެސް ލީޑު ނަގަން ފުރަތަމަ ހާފުގައި ނެދަލޭންޑްސްގެ ގަކްޕޯ އަދި މެމްފިސް ޑެޕާއި އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

ދެވަނަ ހާފުގައި ވެސް ނެދަލަންޑްސް އިން ވަނީ ޕޮލަންޑްގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފަ އެވެ. ޕޮލެންޑުން ވަރަށް ރަނގަޅު ޑިފެންސިވް ކުޅުމެއް މި މެޗުގައި ދެއްކި ނަމަވެސް އެޓީމު ކޮޅަށް ނެދަލޭންޑްސް އިން ވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. ނޭތަން އަކޭ ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވޯޓް ވާގްހޯސްޓް އެވެ.

ގްރޫޕް ޑީގައި ހިމެނޭ ނެދަލަންޑްސް އިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. ޕޮލެންޑް ދެން ބައްދަލުކުރާނީ އޮސްޓްރިއާއާ އެވެ.