Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

އިންގްލެންޑް މޮޅުކޮށްދިނީ ބެލިންހަމް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑުން 1-0 އިން ސާބިއާ ބަލިކޮށްފި އެވެ.

އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހުނަރުވެރި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ. ސާބިއާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބެލިންހަމް ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެސް އިންގްލެންޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އަދި މި ހާފުގައި ސާބިއާގެ ކެޕްޓަން މިޓްރޮވިޗް ވެސް ވަނީ އިންގްލެންޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވަނީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަށެވެ. ނަމަވެސް ޖެރަޑް ބޮވެން ހުރަސްކޮށްލި ބޯޅައަކުން ކޭން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑި އަށެވެ.

ގްރޫޕް ސީ ގައި ހިމެނޭ އިންގްލެންޑުން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ޑެންމާކްއާ ދެކޮޅަށެވެ. ސާބިއާ ދެން ބައްދަލުކުރާނީ ސްލޮވީނިޔާއާ އެވެ. މި ގްރޫޕްގައި މިރޭ ޑެންމާކް އާއި ސްލޮވީނިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.