Last Updated: November 29, 05:56
Friday, November 29, 2024
މުނިފޫހިފިލުވުން

"މުންޖިއާ" ގެ ޖާދޫ ވަރަށް ގަދަ!

ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް މި މަހުގެ 7 ގައި ރިލީޒްކުރި ބޮލީވުޑްގެ ހޮރޯ-ކޮމެޑީ "މުންޖިއާ" ލިބެމުން އެބަދަ އެވެ.

ފިލްމަށް އިއްޔެއާ ހަމައަށް އިންޑިއާ އިން އެކަނި ޖުމްލަ 55 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ލިބިފައިވާ އިރު، ބޭރުގެ މާކެޓްތަކުން މިހާތަނަށް ލިބުނު އާމްދަނީއާ އެކީ ފިލްމުގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 68.88 ކްރޯޑް ރުޕީސް (8.3 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. މިއާ އެކީ ފިލްމަށް މިހާރު ވެސް އޮތީ "ސުޕަ ހިޓެއް" ހެ ދަރަޖަ ލިބިފަ އެވެ.

ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި "މުންޖިއާ" މާ ލަސްތަކެއް ނުވެ "100 ކްރޯޑް ކުލަބް" އަށް ވަނުމުގެ ފުރުސަތު ވެސް ބޮޑެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންވެ މެޑޮކް ފިލްމްސްގެ މި ފިލްމަކީ 30 ކްރޯޑް ރުޕީސް (3.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

އާންމުންގެ ފަރާތުން މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފާހަގަކޮށްލެވޭ ކަމަކީ މިއީ މަޝްހޫރު ތަރިންތަކެއް ވެސް ހިމެނޭ ފިލްމެއް ނޫންކަމެވެ. އަދިތިތާ ސަރްޕޮތުދާރު ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ އަދި ވަރަށް އާ އެކްޓަރުންތަކެއް ކަމަށްވާ އަބޭ ވަރުމާ އާއި ޝަރުވާރީ އެވެ.

"މުންޖިއާ" ގެ ކާސްޓްގައި މޯނާ ސިންގް އާއި ސަތިއާރާޖް ވެސް ހިމެނެ އެވެ.

މި ފިލްމަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ އިރު، ގިނަ ކްރިޓުން ފާހަގަކޮށްފައިވާ ގޮތުގައި ބެލުންތެރިންނަށް ފިލްމު އެހާ ބޮޑަށް ކަމުދިޔަ ސަބަބަކީ ވާހަކަ ފުރިހަމަވެފައި، ފިލްމުގައި ދައްކުވައިދޭ ހާދިސާތައް ވަރަށް ބޮޑަށް ޝައުގުވެރިވުމެވެ. އަދި "މުންޖިއާ" ގެ އެންމެ ބޮޑު ހައިލައިޓަކީ މީގައި ހިމެނޭ ސީޖީއައި (ކޮމްޕިއުޓަ ޖެނެރޭޓެޑް-އިމޭޖެރީ) ކެރެކްޓާ ގޮޓިއާ އެވެ.

ފިލްމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މަޝްހޫރު ތަރި، ކާތިކް އާރިއަންގެ "ޗަންދޫ ޗެމްލިއަން" ގެ ވިޔަފާރި އަށް ވެސް "މުންޖިއާ" ގެ ހިޔަނި އެޅިފައިވެ އެވެ.

މި ފިލްމު ގެނެސްދިން މެޑޮކް ފިލްމްސް އަކީ ހޮރޯ-ކޮމެޑީތަކުގެ ކާމިޔާބު ރެކޯޑެއް އޮތް ސްޓޫޑިއޯއެކެވެ. އޭގެ ތެރޭގައި 2018 ގެ "އިސްތިރީ" އާއި 2022 ގެ "ބޭޅިޔާ" ހިމެނެ އެވެ.

އެތަނުން މިހާރު އަންނަނީ އަންނަ އޮގަސްޓް 15 ގައި "އިސްތިރީ 2" ގެނެސްދޭން ތައްޔާރުވަމުންނެވެ. އެހެންވެ މިއީ މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ. "އިސްތިރީ 2" އިން ވެސް ކުރީގެ ބައިގެ މައިގަނޑު ހުރިހާ ކާސްޓުން ފެންނާނެ އެވެ. އޭގެ ތެރޭގައި ޝްރަދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ހިމެނެ އެވެ.