Last Updated: January 1, 20:00
Wednesday, January 1, 2025
ދުނިޔެ

ދުނިޔޭގެ ޚަބަރުތައް ކިޔާ މީހުން ވަނީ މަދު!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ޚަބަރުތައް ކިޔާ މީހުން ނިސްބަތް މީގެ ހަތް އަހަރާ އަޅާބަލާ އިރު މިހާރު ދަށްވެފައިވާ ކަމަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ރޮއިޓާސް އިންސްޓިޓިއުޓުން ހަދާފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޖުމްލަކޮށް މުޅި ދުނިޔޭގައި މީހުން ޚަބަރުތައް ކިޔާ މިންވަރު މިހާރު ދަށްވެފައިވާ އިރު، އެ ނިސްބަތް މިހާރު އުޅެނީ 39 ޕަސެންޓްގައި ކަމަށެވެ. އަދި މިހާރު ޚަބަރުތައް ކިޔަނީ ކޮންމެ ހަތަރު މީހަކުން އެކެކެވެ.

މި ދިރާސާ ހަދާފައި މި އަހަރުގެ ޖެނުއަރީން ފެބުރުއަރީ އަށް ޔޫގަވް މެދުވެރިކޮށް 47 ގައުމެއްގެ 94،943 މީހުންނާ ސުވާލުކޮށްގެންނެވެ.

މިކަމާ ގުޅޭ ގޮތުން 2017 ގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ޚަބަރުތަކަށް ސަމާލުކަން ނުދޭ ނިސްބަތް އޭރު އުޅުނީ 29 ޕަސެންޓްގަ އެވެ.

އާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މީހުން މި ފަހުން ޚަބަރުތަކާ ދުރުވި މައިގަނޑު ސަބަބަކީ މީގެ ދެ އަހަރު ކުރިން ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ގެއްލުން ބޮޑު ހަނގުރާމާއި މެދުއިރުމަތީގައި ހިނގަމުންދާ ތަފާތު ހަނގުރާމަތަކާ ހެދި އެވެ. ހާއްސަކޮށް ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކުގެ ވާހަކަތައް ކިޔުމަށާއި އެހުމަށް މިހާރު ވަރަށް ގިނަ ބަޔަކަށް އުނދަގޫވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ ނޭދެވޭ ކަންކަމާ ގުޅޭ ޚަބަރުތައް ކިޔުމަކީ ފިކުރުބޮޑުވެ، އެކަމުގެ ތަފާތު އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ އިތުރަށް މިހާރު ފޫހި ވެސް ކަމެކެވެ.

ހަނގުރާމަ ފަދަ ހާދިސާތަކުގެ ޚަބަރުތައް ކިޔަން މިހާރު ގިނަ ބަޔަކު ބޭނުން ނުވި ނަމަވެސް އެކި ގައުމުތަކުގެ އިންތިހާބުތަކާ ގުޅޭ ޚަބަރުތަކަށް މީހުން ވަރަށް ބޮޑަށް ޝައުގުވެރިކަން ދޭކަން ފާހަގަކުރިފައިވާ ކަމަށް ރިޕޯޓްގައި ބުންޏެވެ.

އޭގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޓީވީ އާއި ޕްރިންޓް ނޫސް ފަދަ ތަކެތިން ޚަބަރު ކިޔުމާއި ބެލުމަށް ވުރެ ބޮޑަށް މިހާރު ގިނަ މީހުން، ހާއްސަކޮށް ޒުވާނުން ޚަބަރުތައް ކިޔައި އުޅެނީ އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

އެގޮތުން ފޭސްބުކާއި އެކްސް އާއި ޔޫޓިއުބާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގެ ނުފޫޒު ބޮޑެވެ.