އެމެރިކާގެ މޭރީލޭންޑްގައި ކެނަބިހުގެ މުއާމަލާތް ހިންގައިގެން ދައުވާކޮށްފައިވާ 175،000 އަށް ވުރެ ގިނަ މީހުންނަށް މައާފު ދީފި އެވެ.
އެ ސްޓޭޓްގެ ގަވަރުނަރު ވެސް މޯގެ ގަރާރަކުން އެތައް ބަޔަކަށް މައާފު ދެއްވުމާ ގުޅޭ ގޮތުން ވިދާޅުވީ މިއީ ކުރިން ހެދިފައިވާ ގޯސްތަކެއް ރަނގަޅު ކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.
އެހެންވެ ކެނބިހުގެ އެއްވެސް މުއާމަލާތަކާ ގުޅިގެން ދެން މޭރީލޭންޑްގައި ދެން އެއްވެސް ބަޔަކަށް އަދަބު ދޭ ތަނެއް ނުފެންނާނެ ކަމަށާއި ކުރިން އެފަދަ މައްސަލަތަކުގައި ބަންދުވެފައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް މައާފު ދިނުމަކީ އެމެރިކާގެ ތާރީހުގައި ވެސް އެހާ ގިނަ ބަޔަކަށް މައާފު ދެވުނު ފުރަތަމަ ފަހަދު ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ނިންމުމަކީ އެމެރިކާގެ ތާރީހުގައި ލިޔެވޭ ވަރަށް ހާއްސަ ސޮފުހާއަކަށް ވެސް ވާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ ކެނަބިސް މޭރީލޭންޑްގައި ހުއްދަކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މޭރީލޭންޑްގެ ސަރުކާރުން 2022 ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން މޭރީލޭންޑްގައި ކެނަބިސް ބޭނުންކުރާ ގިނަ މީހުންނަކީ ދޮންމީހުންނެވެ. ނަމަވެސް މިހާތަނަށް އެފަދަ މައްސަލަތަކުގައި ޖަލުތަކުގައި އެންމެ ގިނައިން އަބަދު ލިބެމުން ދިޔައީ ކަޅު ނަސްލުގެ މީހުންނަށެވެ.