Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ޑޮލީ ޗައިވާލާގެ ސައި ހެދުން ރާއްޖޭގެ ބީޗަކުން

ޑޮލީ ޗައިވާލާގެ ނަމުން މަޝްހޫރު އިންޑިއާގެ ސޯޝަލް މީޑިއާ ސެލެބްރިޓީ ސުނިލް ޕަޓިލް ދާދި ފަހުން ރާއްޖެ އަށް ކުރި ދަތުރުގެ ތެރޭގައި އޭނަ ހުރި ރިސޯޓްގެ ގޮނޑުދޮށުގައި އަމިއްލަ ސިގްނޭޗާ ސްޓައިލްގައި ސައި ތައްޔާރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އިންްސްޓަގްރާމްގައި އެ ވީޑިއޯ އާންމުކޮށްފައި ވަނީ ކެޕްޝަނަކަށް "މޯލްޑިވްސް ވައިބް" ޖަހައިފަ އެވެ. އެ ވީޑިއޯގައި ރިސޯޓްގެ އަތިރިމަތީގައި ޗައިވާލާ ސައި ތައްޔާކުރާ އިރު، ގެސްޓުންގެ ގްރޫޕެއް މަންޒަރު ބަލަން ތިބެ އެވެ. އަދި ގެސްޓުންނަށް ސައި ސާވްކޮށްދޭ ތަނާއި ބައެއް ގެސްޓުންނާ އެކީ ޗައިވާލާ ޕޯސްކޮށް، ފޮޓޯ ނަގާ ތަން ވެސް ފެނެ އެވެ.

މި ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ބައެއް މީހުން ވީޑިއޯ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ޝެއާ ވެސް ކޮށްފައިވެ އެވެ.

ރާއްޖޭގެ ބަޔަކު ދިން ދައުވަތަކަށް ޑޮލީ ޗައިވާލާ ރާއްޖެ އައީ މި އަހަރުގެ މާޗް މަހުގެ ފަހުކޮޅު އެވެ. އެ ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތަކެއް އޭނަ ކުރިން އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ނާގްޕޫރްގެ މަގުމަތީގައި "ވަރަށް ސްޓައިލިޝްކޮށް" ސައި ވިއްކަން ފެށި ވިޔަފާރިއާ އެކީ އާންމުންގެ ތެރޭގައި މަޝްހޫރުވި ޑޮލީ ޗައިވާލާ އަށް މި ފަހުން މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އިންޑިއާގެ އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް ފެބްރުއަރީ މަހު އިންޑިއާ އަށް ކުރި ދަތުރުގެ ތެރޭގައި ޗައިވާލާ އެކީ ނެގި ވީޑިއޯއަކާ އެކީ އޭނަގެ ސައިގެ ތަޖުރިބާގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަލާސް ޓީވީން މި އަހަރުގެ ފަހުކޮޅު ފަށަމް ހަމަޖެހިފައިވާ ރިއަލިޓީ ޝޯ، "ބިގް ބޮސް" ސީޒަން 18 އިން ޑޮލީ ޗައިވާލާ ފެނުނުގެ ފުރުސަތު ވަރަށް ބޮޑެވެ. އެ ޝޯ އަކީ މަޝްހޫރު ތަރި، ސަލްމާން ޚާން ހޯސްޓްކުރާ ޝޯއެކެވެ.

ޑޮލީ ޗައިވާލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނަގެ ފެޝަން ސްޓައިލެވެ. ސައިގެ ވިޔަފާރި އޭނަ މަގުމަތީގައި ކުރަނީ ނިކަން ރީއްޗަށް ނަލަ ހެދި، އެހާމެ ސްޓައިލިޝްކޮށެވެ. ޑޮލީ ޗައިވާލާ ބުނާ ގޮތުން އޭނަގެ ފެޝަން އިންސްޕިރޭޝަނަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގައި އެކްޓަރު ޖޯނީ ޑެޕް ކުޅުނު ޖެކް ސްޕެރޯގެ ކެރެކްޓާ އެވެ.