Last Updated: January 1, 20:00
Wednesday, January 1, 2025
ދުނިޔެ

މެލޭޝިއާ "ބްރިކްސް" އާ ގުޅެނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް.

މެލޭޝިއާ އިން "ބްރިކްސް" އާ ގުޅެން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ޗައިނާގެ މީޑިއާއެއް ކަމަށްވާ ގުއަންޗާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެލޭޝިއާ މިހާރު އޮތީ މާލީ ގޮތުންނާއި އިގުތިސާދީ ގޮތުން އާ ހަރުފަތަކަށް ދިއުމުގެ މަގުމަތީގައި ކަމަށާއި އެގޮތުން މިހާރު "ބްރިކްސް" އާ ގުޅުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.

"އެހެންވީމަ ވަރަށް އަވަހަށް ރަސްމީކޮށް މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރާނަން." އަންވަރު ވިދާޅުވި އެވެ.

"ބްރިކްސް" ގްރޫޕް އެންމެ ފުރަތަމަ އުފަންވެގެން އައީ ފަސް ގައުމަކާ އެކީގަ އެވެ. އެއީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ. "ބްރިކްސް" އެ ނަން ހަދާފައި ވަނީ އެ ގައުމުތަކުގެ ނަން ފެށޭ އަކުރުންނެވެ.

މީގެ 15 އަހަރު ކުރިން ޖޫން 16، 2009 ގައި އުފަންވި "ބްރިކްސް" ގްރޫޕްގެ މެންބަރުންގެ އަދަދު މިހާރު 10 އަށް އަރަ އެވެ. އެއީ އެންމެފަހުން ގުޅުނު ސައުދީ އަރަބިއްޔާ އާއި މިސްރާއި އިރާނާއި ޔޫއޭއީ އަދި އިތިއޯޕިއާ އެކީގަ އެވެ. އެހެންވެ މިހާރު މިއީ "ބްރިކްސް ޕްލަސް" އެވެ.

"ބްރިކްސް" ގެ މެންބަރުންނަށްވުމަށް މިހާރު ވެސް 15 ގައުމަކުން އެޕްލައިކޮށްފައިވާ އިރު، އެ ގްރޫޕާ ގުޅެން އިތުރު 24 ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތުރުކީ އާއި އިންޑޮނީޝިއާ އާއި ސްރީ ލަންކާ އަދި ގަތަރު ފަދަ ގައުމުތައް ފާހަގަކޮށްލެވެ އެވެ.

"ބްރިކްސް" އަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ މެދުގައި އިގުތިސާދީ ބާރުވެރިކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖަމާއަތެކެވެ.