ކަސްޓަމްސްގެ މުވައްޒަފުންގެ މައްޗަށް ދޮގު ތުހުމަތުތަކެއްކޮށް ބަދުނާމު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ މީހުންގެ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށް ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް، ޔޫސުފް މާނިއު ވިދާޅުވެއްޖެ އެވެ.
ޓިޝޫތަކެއް ކަމަށް ބުނެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރެޓް ކަސްޓަމްސް އިން އަތުލައިގެންފާވާތީ އެކަމާ ގުޅިގެން ކަސްޓަމްސްގެ މުވައްޒަފުންނަށް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގެ ޕޯސްޓެއްގައި މާނިއު ވަނީ ފޭކް އެކައުންޓްތައް ހަދައިގެން ފަތުރާ ދޮގު ވާހަކަތައް ގަބޫލު ނުކުރުމަށް އެދިވަޑައިގެންފަ އެވެ.
އޭނަ ވިދާޅުވީ ހުއްދަ ވިޔަފާރިތަކަށް މަގުފަހި ކުރުމަށާއި ގާނޫނާ ހިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްގެ ގަވައިދުތަށް އިތުރަށް ހަރުދަނާ ވެސް ކޮށްފައިވާ ކަމަށެވެ.
މާނިއު ވިދާޅުވީ ސޯޝަލް މީޑިއާގައި ކަސްޓަމްސް އޮފިސަރުންނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުން ދަނީ ރާއްޖެ އަށް ހުއްދަ ނެތި މުދާ އެތެރެ ކުރާ ބައެއް ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ އޮފިސަރުންގެ އަބުރު ކަތިލަން އުޅެނީ އުސޫލުގެ ބޭރުން މުދާ އެތެރެ ކުރަން މަސައްކަތް ކުރާ މީހުން ކަމަށް ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަރަށް އަވަހަށް ބޮޑީކެމް ވެސް ބޭނުން ކުރަން ފަށާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަންތުގެ ނަޒާހަތްތެރިކަން ކަށަވަރުވާނެ މާނިއު ވިދާޅުވިއެވެ.
އޭނަ ވަނީ ހުއްދަ ނެތި ރާއްޖެއަށް މުދާ އެތެރެކުރަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންގެ އެއްބާރުލުން ދިނުމަށް ވެސް އެދިަޑައިގެންފަ އެވެ.