Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

އިސްލާމީ ސަގާފަތަށް އަމިއްލަ ގޮތްތައް ހިޔާރެއް ނުކުރެވޭނެ

އިސްލާމީ ސަގާފަތަށް އަމިއްލަ ގޮތްތައް ހިޔާރު ނުކުރެވޭނެ ކަމަށާއި މުސްލިމުންގެ ކަންކަން ހުންނަން ޖެހޭނީ ދީނުގެ ހުދޫދުގެ ތެރޭގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ގިނަ ހަރަކާތްތަކަކާ އެކީ ކުލަގަދަކޮށް، ބޮޑު އީދު ފާހަގަ ކުރަމުން އަންނަ އިރު، އިސްލާމީ އުސޫލުތަލާ ބީރައްޓެހި ކަންކަން ކުރަމުންދާތީ އެފަދަ ކަންކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައި ވިދާޅުވީ އިސްލާމީ ސަޤާފަތުގެ އަސާސަކީ، ﷲ އަށް ޙައްޤު ގޮތުގައި އީމާންވުމާއި އަޅުކަމުގެ އިތުރުން ދިރިއުޅުމުގެ ހުރިހައި ދާއިރާއެއްގެ ކަންކަން ބައްޓަން ކުރުމަށް ﷲ ގެ ފޮތުގައި އެކަލާނގެ އަންގަވާފައިވާ އުޞޫލުތަކާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި އެކަލޭގެފާނު ބަޔާން ކުރައްވާފައިވާ ކަންކަމަށް ތަބާވުމާއި ދުނިޔޭގެ ޙަޔާތަށް ފަހު އުޚުރަވީ ޙަޔާތް އޮތްކަން ޤަބޫލުކުރުން ކަމަށެވެ.

"މި ކަންކަމުގެ މައްޗަށް އަމިއްލަ ގޮތްތައް ޚިޔާރު ނުކުރެވޭނެ." ޝަހީމު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އިސްލާމީ އުންމަތަށް ﷲ ދަރުމަކުރެއްވި އެންމެ އުފާވެރި ދެ ޢީދު ދުވަހަކީ މި އުންމަތުގެ ރަމްޒެއް ކަމަށެވެ. އެގޮތުން އީދަކީ ފިތުތު އީދު ކަމަށާއި އަނެއް އީދަކީ އަޟްހާ އީދު ކަމަށް ވިދާޅުވި އެވެ.

"ފިޠުރު ޢީދު އަންނަނީ އިސްލާމްދީނުގެ ރުކުނެއްކަމުގައިވާ ފަރުޟު ރޯދައަށް ފަހު. އޭގެ މަޤުޞަދަކީ ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުން [ﷲ މަތިވެރިކޮށް އަދި ހިދާޔަތް ދެއްކެވިކަމުގެ މައްޗަށް ޝުކުރުވެރިވުން]،" މިނިސްޓަރު ވިދާޅުވި އެވެ. "އަޟްހާ އީދު އަންނަނީ އިސްލާމް ދީނުގައިވާ އެންމެ ބޮޑު [ހައްޖު] އަޅުކަމަށް ފަހު. އޭގެ މަޤުޞަދެއްކަމުގައި ޤުރުއާނުގައި ބަޔާންވެގެން ވަނީ ކޮންމެ އުންމަތަކަށް ވެސް ދުވަހެއް މާތް ﷲ ލެއްވިކަމާއި މި މާތް އުންމަތުގެ މަތިވެރިވެގެންވާ ރަމްޒަކީ ﷲ އަށްޓަކައި ޤުރުބާންކުރެވޭ ކަތިލެވޭ މި ބޮޑު ދުވަސްކަން. އެއީ ﷲ ހަނދުމަކޮށް، ފަޤީރުންނަށް ކާންދީ އުފާވެރިކަން ލިބިގަތުން.އަދި އެކަލާނގެ ދެއްވި ހިދާޔަތުގެ މައްޗަށް ޝުކުރުވެރިވުން."

މިނިސްޓަރު ވިދާޅުވީ ދެ އީދާ މެދު ޤުރުއާނުގައި އައިސްފައިވާ ސީދާ ނައްޞު ގޮތަކީ މިއީ ކަމަށެވެ.

"މި ދެ ޢީދަކީ އިސްލާމް ދީނުގެ އަޅުކަމާއި ގުޅިފައިވާ މި އުންމަތުގެ އެންމެ މަތިވެރި ދެ ޢީދު."