ރާއްޖޭގެ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު މި އަހަރު ވެސް ފިލްމަކުން ބެލުންތެރިންނާ ބައްދަލު ކުރާނެކަން ކަށަވަރުވެއްޖެ އެވެ.
އާއިލާއާ އެކީ ސިންގަޕޫރްްގައި ދިރިއުޅެމުން އަންނަ އެކްޓަރު މި ފަހަރު ފެންނާނެ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ އޮކްޓޯބަރު 7 ގައި އޮލިމްޕަށް ގެންނަން ތައްޔާރުވަމުން އަންނަ ހޮރޯ-ކޮމެޑީ "ބިބީ" އިންނެވެ.
ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ ހާއްސަ ފެނިލުމަކުން ވަޖީހު ފެންނާނެކަން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ކަށަވަރު ވެސް ކޮށް ދީފައިވާ އިރު، "ބިބީ" ގެ ބައެއް އެކްޓަރުންނާއި ފިލްމުގެ ސިނަމަޓޯގްރާފަރާ އެކީ ވަޖީހު ފެންނަ ފޮޓޯއަކާއި ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް ޑާކް ރެއިނުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
އޭނަ އެންމެ ފަހުން ފެނިފައި ވަނީ އެ ސްޓޫޑިއޯގެ މިދިޔަ އަހަރުގެ އަސަރު ގަދަ ލޯބީގެ ފިލްމު "ނޮވެމްބާ" އިންނެވެ. މީގެ އިތުރުން ޑާކް ރެއިންގެ "މީ ލޯތްބަކީ" އާއި "މާމުއި" އަކީ ވެސް ވަޖީހުގެ ކެމިއޯތަކެއް ހިމެނުނު ފިލްމުތަކެކެވެ.
މޮގާ "އައްޑޫ ލައިވް" އަށް މިއަދު ބުނީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމުމުން "ބިބީ" ގެ ޕްރޮމޯޝަނަލް މަސައްކަތްތައް ފަށާނެ ކަމަށެވެ.
"ފިލްމުގެ އެޑިޓިން އާއި ޑަބިން ވެސް މިހާރު އޮތީ ނިމިފައި. ބާކީ ހުރި ބޮޑެތި މަސައްކަތުގެ ތެރޭގައި މިހާރު ހިމެނެނީ ބެކް މިއުޒިކް." އޭނަ ބުންޏެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބިބީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުމެގެން އުޅޭ ޓީވީ ޕްރެޒެންޓަރު/ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ފުރަތަމަ ފީޗާ ފިލްމެވެ. އޭނަ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ފިރިމީހާ އަދި ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން "ފުރޭތަ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ޝީލާ ނަޖީބާއި އަބްދުﷲ ޝާފިއު (ފުބޫ) އާއި އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން އަހުމަދު އީސަ އާނަންދު) ފަދަ ތަރިން ހިމެނެ އެވެ.