ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުގެ ތެރޭގައި 285 އެކައުންޓެއް ފްރީޒްކުރި ކަމަށާއި އެގޮތުން ލިބެން ޖެހޭ 90.3 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
އެތަނުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޓެކްސް ނުދައްކާތީ 17،054 ފަރާތެއްގެ މައްޗަށް ފިޔަވަޅު އެޅި އެވެ. އެ ފިޔަވަޅުތަކާ އެކު ޓެކްސްގެ ގޮތުގައި ނުދައްކައި ހުރި ފައިސާއިން 3.9 ބިލިއަން ރުފިޔާ ރިކަވާކޮށްފައިވާ އިރު، އެވެ. ޓެކްސް ނުދައްކާ 10،013 ފަރާތަކަށް ޓެކްސް ދައްކަން އިންޒާރުގެ ނޯޓިސް ފޮނުވައިގެން 2.2 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
އަދި މިދިޔަ އަހަރު 6،234 ފަރާތަކުން އަމިއްލަ އަށް އިސްނަގައިގެން ޓެކުހުގެ ގޮތުގައި ނުދައްކައި ހުރި 1.4 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން ބުނީ ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމުކޮށްގެން 259.5 މިލިއަން ރުފިޔާ ހޯދާފައިވާ އިރު، ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ކުރި މުއާމަލާތްތަކުން 32 ފަރާތަކުން ނުދައްކާހުރި 3.4 މިލިއަން ރުފިޔާ ވެސް ހޯދާފައިވާ ކަމަށެވެ. އަދި ގާނޫނީ ފިޔަވަޅު އަޅައިގެން ޓެކްސް ނުދައްކާ 20 ފަރާތަކުން 335،429 ރުފިޔާ ހޯދާފައިވެ އެވެ.
މީގެ އިތުރުން ޓެކްސްގެ ނުދައްކާ ފަރާތްތަކުގެ ތެރެއިން 795 ފަރާތަކަށް ފައިސާ ބަހާލައިގެން ދެއްކުމަށް މުޅިން އަލަށް މިދިޔަ އަހަރު ފުރުސަތު ދިން ކަމަށާއި އެ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އަދަދު 1.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް މީރާ އިން ބުންޏެވެ. އަދި އެ ފައިސާގެ ތެރެއިން ލިބިފައި ވަނީ 3.92 މިލިއަން ރުފިޔާ އެވެ.
ޓެކްސް ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދިން ފަރާތްތަކުން މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ލިބުނު އިރު، އެއީ 3،123 ފަރާތަކުން ދެއްކި ފައިސާ ކަމަށް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީރާ އަބަދު ވެސް ސުންގަޑިތަކަށް ޓެކްސް ދައްކަން ވިޔަފާރިތަކަށް ހަނދާންކޮށް ދެމުން ދެ އެވެ.