Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

މާލޭގައި ކުށް ކުރުން އިތުރު، އެއީ ހަގީގަތެއް: ޝިފާން

ރާއްޖޭގެ ވެރިރަށް މާލޭގައި ކުށް ގިނަ ވުމަކީ ހަގީގަތެއް ކަމަށާއި އެކަން ހުއްޓުވަން ފުލުހުންނަށް ގޮންޖެހުންތަކެއް ވެސް ހުރި ކަމަށް ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

އެކްސްގެ ޕޯސްޓެއްގައި އޭނަ ވިދާޅުބީ މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައިވާތީ ކަމަށެވެ.

އޭނަ ވިދާޅުވީ ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުން ކަމަށާއި އެ މީހުން ދޫކުރީ މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ވެސް ނެތި ކަމަަށެވެ.

"[އެހެންވެ] އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި،" ޝިފާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގައި ޕްލޭން ކުރެވިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިނުވާތީ، ކުށުގެ ވެށި ހަމައަކަށް އަޅުވައި، ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށެވެ.

ވައްކަމާއި ފޭރުމާއި ބޮޑެތި މާރާމާރީތަކާއި މީހުން ރަހީނު ކުރުމާއި ބްކެލްމެއިލް ކުރުން ފަދަ ކުށްތައް މާލޭގައި ހިނގުމަކީ ވަރަށް އާންމުވެފައިވާ މައްސަލަތަކެކެވެ.